ޚަބަރު

އުރީދޫ ކަލަ ރަން މި ފަހަރު ކުޅުދުއްފުށީ ސިޓީގައި


އުރީދޫ އިން ކޮންމެ އަހަަރަކު ބާއްވަމުން އަންނަ "ކަލަ ރަން" މި އަހަރު ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ކުޅުދުއްފުއްޓާއި ހުޅުމާލޭގައި މި ހަރަކާތް މި އަހަރު ކުރިއަށްދާނެ ކަން އުރީދޫން އިއުލާންކުރީ "މަރްޙަބާ 2020" ގެ ނަމުގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ރޭ އިފްތިތާޙްކޮށްދެއްވި ޚާއްޞަ ޙަފުލާގަ އެވެ.

އުރީދޫން ފެށި ކަލަ ރަން އަކީ ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތަށް ލިބޭ ތަރުޙީބު އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މި ޙަރަކާތް ބާއްވަން ނިންމާފަ އެވެ. މިއަހަރުގެ ކަލަ ރަންގެ ފުރަތަމަ ޙަރަކާތް އޮންނާނީ ކުޅުދުއްފުށީގަކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ކަލަ ރަން އަކީ ތަފާތު ގޮތަކަށް ކުރިއަށްގެންދާ ޙަރަކާތެވެ. ފޯރި ގަދަކުރުމަށް ކަލަ ރަން އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން ގުޑި މަހާސަމާއަކާއި މޫދު ކުޅިވަރުގެ ޙަރަކާތްތައް ވެސް ކުރިއަށްގެންދެ އެވެ. އަދި ކަލަ ރަން ނިމުމުން ފޯރިގަދަ މިޔުޒިކު ޝޯއެއް ވެސް ބާއްވާނެއެވެ.