ޚަބަރު

ރައީސް ޔާމީން ހުންނެވީ "އަނަރޫފަ" ވެފައިތަ؟


ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ޙާލަތާ ގުޅޭގޮތުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ދެއްކެވި ވާހަކަތަކުން ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ބޮޑު ސިހުމެއް ވަނީ ލިބިފައެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި ޖަލުން ބައްދަލުވިދުވަހު ވަރަށްބޮޑަށް ހައިރާންވެ ވަޑައިގެންނެވިކަމަށެވެ. އެމަނިކުފާނު ހުންނެވީ ވަރަށްބޮޑަށް "ހިކި އަނަރޫފަ" ވެފައިކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. ތުބުޅިފުޅު ބަލާ ރޭޒަރާއި ކާންދޭ ތަކެއްޗާމެދުވެސް އޭނާވަނީ ނުހަނު އަސަރުގަދަ ވާހަކަތަކެއް ދައްކަވާފައެވެ.

ޢަބްދުއްރަޙީމްގެ ވާހަފުޅުތަކުގެ ތެރެއިންވެސް ގިނަބައެއްގެ އެންމެބޮޑު ސަމާލުކަމެއް ހުއްޓުނީ ރައީސްޔާމީން "ހިކި އަނަރޫފަ" ވެފައިވާކަމަށް އޭނާ ވިދާޅުވި ވިދާޅުވުމަށެވެ. އެނާ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިތާ 4 ވަނަ އަށްވީދުވަހު ރައީސް ޔާމީންނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް މިއަދު ވަނީ ހައިކޯޓަށް ހާޒިރުކުރައްވާފައެވެ.

ރައީސްޔާމީން ކަރެކްޝަނަލް ސަރވިސްގެ ދެ އޮފިސަރަކާއިއެކު ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ހަށިކޮޅުން އެވަރުގެ އަނަރޫފަކަމެއް ފެނިފައިވޭތޯ މިލިއުމުގައި ހިމަނާފައިވާ ފޮޓޯއަށް ބައްލަވާލައްވާފައި ތިބޭފުޅުން ވަޒަންކޮށްލައްވާށެވެ.

ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ޙާލަތާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދު ނުޙައްޤުން ބަންދުކުރި ތަނުގައި އެއަށްވުރެ މާ ފެންވަރު ރަނގަޅަށްކަމަށެެވެ.

އިމްރާންގެ މިޓްވީޓާއި ގުޅިގެން ސޯޝަލް މީޑިޔާގައި ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކުރެވިފައެވެ. ބައެއްބޭފުޅުން ހޯމް މިނިސްޓަރ އިމްރާނަށް ވަރަށްބޮޑަށް ފާޑުވިދާޅުވިއިރު، އަނެއްބައި ބޭފުޅުން ވިދާޅުވީ މިއީ ވަކި ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކެއްކަމަށެވެ.