ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރިސަރޗްތައް ހެދުމާއި ސައިންސްގެ ދާއިރާ ފުޅާކުރުމުގައި އިސްދައުރެއް އަދާކުރަން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ގްލޯބަލް ކޮރަލް ރީފް މޮނީޓަރިންގް ނެޓްވޯކް، ސައުތު އޭޝިއާ ސީ ރީޖަނަލް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލް ވޯކްޝޮޕްގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ބިނާކުރާނީ ތިމާވެށި ހިމާޔަތްކުރެވޭނެ އުސޫލުތަކަކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، މިދިޔަ އަހަރު އދގެ އާންމު ބައްދަލުވުމުގައި ދުނިޔެއަށް މިސާލު ދައްކަވާފައިވާކަަން ފާހަގަކުރެއްވިއެވެ. އަދި ބްލޫ ޕްރޮސްޕެރިޓީއާއި ގުޅިގެން ރާއްޖޭގެ ކަނޑު ފަޅުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް މިނިސްޓަރ ޒަހާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރިސަރޗްތައް ހެދުމާއި ސައިންސްގެ ދާއިރާ ފުޅާކުރުމުގައި އިސްދައުރެއް އަދާކުރަން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބްލޫ ޕްރޮސްޕެރިޓީއާއި ގުޅިގެން ކުރާ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް. އަޅުގަނޑުމެންނަށް ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރިސަރޗްތައް ހެދުމާއި ސައިންސްގެ ދާއިރާ ފުޅާކުރުން ވަރަށްވެސް މުހިންމު. އަޅުގަނޑުމެންގެ ސިޔާސަތުތައްވެސް ބައްޓަންކުރާނީ އެގޮތައް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ބްލޫ ޕްރޮސްޕެރިޓީއާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހަދާ މި ދިރާސާއަކީ ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ، މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕެޝަލް ޕްލޭނެއް އެކުލަވާލުމަށް ކުރާ ދިރާސާއެކެވެ.
އުތުރުގެ އަތޮޅުތަކުގެ ކަނޑާއި ފަރުތަކުގެ ދިރާސާކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި، މެރިން ރިސަރޗް އިންސްޓިޓިއުޓާއި ރާއްޖޭގެ ބައެއް ޖަމްއިއްޔާތަކުގެ ޑައިވަރުން ހިމެނޭހެން 48 ސަރވޭ ޑައިވްވަނީ ކޮށްފައެވެ. މި ސަރވޭ މިހާތަނަށް މެދުރާއްޖެއިން ފެށިގެން އުތުރުގެ 8 އަތޮޅުގައި ކުރިއަށްގެންގޮސްފައިވެއެވެ.