ޚަބަރު

ގައުމިއްޔަތުގެ ދިރުން މުޅި މާލެއަށް

ރޭގަނޑު މާލޭގެ މަގުތަކުގައި ދުއްވާލުމުން ފެންނަނީ، ކުލަ ބޮކިތަކުން އިމާރާތްތަކާއި، ގަސްތައް ދިއްލެމުންދާ މަންޒަރެވެ. ގައުމީ ކުލަތަކުން މުޅި މާލެ ދިއްލާލުމަށް ފޯރިއާއެކު ދެ ޖިންސުގެ ޒުވާނުންވެސް ހަރަކާތްތެރިވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.  މިނިވަން ފަންސާހަށް މާލެތެރެ ޒީނަތްތެރި ކުރުމަށް ތަފާތު މަސައްކަތް ކުރަމުންދާއިރު، ކުލަބޮކިން މާލޭގެ މަގުތައް ދިއްލާލުމަށް އާންމު ފަރާތްތަކަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. ބޮޑެތި އިނާމުތަކާއެކު ސަރުކާރު ހުށަހެޅި ފުރުސަތުގެ ބޭނުން ޒުވާނުން ކުރަމުންދާކަން، ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ދުއްވާލުމުން، ފެނިގެންދާ  ކުލަ ބޮކިތަކާއި، އަޅަމުންދާ ގިޑިގެ ތަކުން ދައްކުވައިދެއެވެ. ޒުވާން ގްރޫޕްތަކުން ބޮކިފަތި ދެމުމާއި، ގިޑިގެ އެޅުމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯޒަލްތައް ހުށަހެޅުމުން އެ ޑިޒައިންތައް ފައިނަލް ކޮށްފައިވަނީ ހޯމް މިނިސްޓްރީއިންނެވެ.ފެއްސާ ރަތާ ހުދުން މާލޭގެ މަގުތަކާއި މައިދާންތައް ޒީނަތްތެރި ކުރަމުން ދިޔަ ގްރޫޕްތަކާ ވާހަކަ ދައްކާލުމަށް ޕީ.އެސް.އެމްގެ ނިއުސް ޓީމުން މާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ޒުވާނުން މިކަމާމެދު ދެކޭ ގޮތް ބަލައި، މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ސުވާލު ކޮށްލީމެވެ.  ބޮޑުތަކުރުފާނު މަގާއި ޗާންދަނީ މަގު އެއްކޮށް ކުލަބޮކިން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރާ، ކެލިބާރ ޕޮއިންޓްގެ ފަރާތުން ވާހަކަދެއްކި ހާރިޝް މުހައްމަދު ބުނީ، އެ ގްރޫޕުން މަސައްކަތް ކުރަނީ މި ކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވާދަވެރި ރޫޚެއްގައި އާއްމުން ބަލައިގަންނާނެ ފަދަ މަސައްކަތެއް ދެއްކުމަށްކަމަށެވެ." ފެމިލީ މީހުން މި އުޅެނީ. އަޅުގަނޑުމެންވެސް ގައުމީ ރޫހެއްގައި ނިކުތީ، ބޭނުންވަނީ، މުޅިމާލެ އެއްކޮށް ދިއްލާފައި އޮންނަތަން ދައްކާލަން" ހާރިޝް ބުންޏެވެ. މިހާރު ބޮކިފަތިދަމާ ޒީނަތްތެރިކޮށްފައިހުރި ތަންތަނުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވުނި، ހުކުރު މިސްކިތް ސަރަަހައްދެވެ.ހުކުރު މިސްކިތުގައި ބޮކިފަތި ދަމާ އެތަން ޒީނަތްތެރި ކުރުމުގެ މަސައްކަތްކުރާ ޕޯލަރ ބިލްޑާރސް ގްރޫޕުގެ ފަރާތުންނެވެ.އެ ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ރިފްލާހް ބުނީ، ވަނައެއް ގެންނަން މަސައްކަތްކުރާއިރު ހުކުރު މިސްކިތަކީ، މާލޭގައި އެންމެ ބޮޑަށް ކުލަބޮކި ބޭނުންކޮށްގެން ޒީނަތްތެރި ކުރެވޭނެ އެއްތަން ކަމަށެވެ." މި ތަނަކީ (ހުކުރު މިސްކިތް) މިކަހަލަ ކަމެއް ކުރަން އެންމެ ރަނގަޅު އެއްތަން. ގަސްތައް ގިނަވީމަ. މިތަން އެއްކޮށް ނިންމާލީމަ ވަނައެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ" ރިފްލާހް ބުންޏެވެ.ގްރޫޕް ތަކުން ޒީނަތްތެރި ކުރާ ތަންތަނުގެ ތެރެއިން އެއްވަނައަށް ހޮވޭ ގްރޫޕަކަށް 50,000 ރުފިޔާ އާއެކު ރަން އަންގިއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ދެވަނައަށް 25,000 ރުފިޔާއާއެކު ރިހި އަންގިއެއް އަދި ތިންވަނައަށް 15,000 ރުފިޔާއާއެކު ލޯ އަންގިއެއް ދިނުމަށް ވަނީ ހަމަޖެހިފައއެވެ. އަދި ޒީނަތްތެރިކުރުމަށް ބޭނުންވާ ކުލަކުލައިގެ ބޮކިތައް ސަރުކާރުން ދަނީ ދޫކުރަމުންނެވެ. ޒުވާނުން ހިމެނޭ ގިނަ ގްރޫޕްތަކުން ޤައުމީ ޖޯޝްގައިދަނީ ބޮކިފަތި ދެމުމުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.