ޚަބަރު

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް 1146 މީހުން


ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެއްހާސް އެއްސަތޭކައަށްވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 1143 ފަރާތަކުން ރަށުކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްގެ އިތުރުން ސިތީކައުންސިލްތަކަށް ވާދަކުރުމަށް ފޯމު ހުށައަޅާފައިވާކަމަށެވެ.

ހީނާ ވިދާޅުވީ މީގެ ތެރޭގައި ޕްރައިމަރީއަށް ދާންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބާއްވާ ގުރުތުއަތުލުން އަންނަ ބުދަދުވަހު އެޕާޓީގެ އޮފީހުގައި އޮންނާނެކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 1146 މީހުން ފޯމް ހުށައަޅާފައިވާއިރު، 14 އަތޮޅެއްގެ 51 ރަށަކާއި، ރާއްޖޭގެ 4 ސިޓީގައިވެސް ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނެކަމަށް އެޕާޓީން ބުނެއެވެ. އަދި ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު މާލޭއާއި ސިޓީތަކުގެ އިތުރުން އެކި ރަށްރަށާއި އަތޮޅުވެރިކަންކުރާ ރަށްރަށުގައި އޮންނާނެކަމަށް ޕީޕީއެމުން ބުނެއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސްޓިއަރިންގ ކޮމިޓީގެ ފަރާތުން، މަޑަވެލިދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ޕާޓީގެ ޕްރައިމަރީއަށް ވޯޓާސްލިސްޓް ހާމަކުރުމުން ގިނަ މެންބަރުންނަށް ނޭނގި ޕާޓީން ވަކިވެފައިވާކަމުގެ ޝަކުވާތައް ލިބިފައިވާކަމަށެވެ.

"މިހާރު ހުރި ޝަކުވާތައް ހައްލުކޮށް 80 އިންސައްތަ ރަށަށް ވޯޓާސް ލިސްޓް ފޮނުވުމުގެ މަސައްކަތްކުރަމުން މިދަނީ" މުއާޒް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށައެޅި ފަރާތްތަކުގެ ހުރިހާ ފޯމްތައް އިވެލުވޭޓްކޮށް އޭގެތެރެއިން ބާތިލުކުރަންޖެހޭ ފޯމުތަކާމެދު ޤާނޫނީ ޓީމުގެ ލަފާއާއެކު ނިންމާގޮތްތައް ކުރިމަތިލީ މެންބަރުންނަށް އަންގާނެކަމަށެވެ.