ޚަބަރު

ދަރަވަންދޫ ރަށްގިރުމުގެ މައްސަލަ އާއިއެކު، ގެސްޓް ހައުސްތަކަށް ގެއްލުން ވަނީ


އާބާދީގައި 1100 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ބ. ދަރަވަންދޫއަކީ ގެސްޓް ހައުސް ވިޔަފާރިއަށް ފައްކާވަމުން އަންނަ ރަށެކެވެ. ރަށުގައި މިހާރުވެސް 14 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އެރަށުގައި މި ވިޔަފާރު ކުރިއަރައިގެން އަންނަނީ 2 ސަބަބަކާއި ހުރެކަމަށް ރަށުގެ މީހުން ބުނެއެވެ. ދަރަވަންދޫ އެއަރޕޯޓްގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބުމަކީ ދަރަވަންދޫގެ އިތުރުން މުޅި އެ އަތޮޅުގައިވެސް ފަތުރުވެރިންކަން މިހާ ކުރިއަރާފައިވާ ސަބަބެވެ.

ދަރަވަންދޫގައި ގެސްޓް ހައުސް ވިޔަފާރު ކުރިއަރައިގެން އަންނަ މައި ސަބަބަކަށް ރަށުގެ ރައްޔިތުން ބުނަނީ އެރަށުގެ ހިތްގައިމު ގޮނޑުދޮށާއި ފަރެވެ.

14ގެސްޓްހައުސްގައި 180 ގެސްޓުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެ ކެޕޭސިޓީ އެރަށުގައި އެބަހުއްޓެވެ. މިއީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މިހާރު އެރަށުގެ ގިނަބަޔަކު ކުރާ މަސައްކަތެވެ.

ނަމަވެސް ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއިއެކު ރަށުގެ ރައްޔިތުންނާއި، އަދި ޚާއްސަކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތައް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ބޮޑެތި ޚަރަދުތައްކޮށް ކޮޅަށްޖެހި ވިޔަފާރިތަކަށް، މިކަމުން ބޮޑެތި ގެއްލުންތައް ކުރިމަތިވާނެކަމަށް ރަށުގެ ކައުންސިލުންވެސް ބުނެއެވެ.

ދަރަވަދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑުވެފައި ވަނީ އެރަށުގެ ގެސްޓް ހައުސްތައް ހަދާފައިވާ ސަރަޙައްދުގައެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ނާސިރު ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެހެން އަހަރުތަކުގައިވެސް ހަޅަޖަހާ ދުވަސްވަރު ރަށުގެ ބައެއް ސަރަޙައްދު ގިރާކަމަށެވެ. ނަމަވެސް ފަހުން ވެލިގަނޑު ވޮޑޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިފަހަރު އެރަށުގެ ގޮނޑުދޮށް އާދަޔާއި ޚިލާފައި ގިރަމުން އަންނަކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ގޮނޑުދޮށާއި، ދުވަސްވީ ގަސްތަކާއި، މީހުން މަޑުކޮށްލައިގެން ތިބޭގޮތަށް ހަދާފައިހުރި ސަރަޙައްދުތައްވެސް ދަނީ ގިރަމުންނެވެ.
އެގޮތުން މިހާރުވެސް ރަށުތެރެއަށް 30 ފޫޓަށް ގިރާފައިވާކަމަށް ނާސިރް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާތީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއިވެސް މި މައްސަލަ ޙިއްސާކޮށްފައި ވާކަމަށެވެ. އަދި އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ކައުންސިލުން މަސައްކަތްކުރުމަށް އީޕީއޭއިން ހުއްދަވެސް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ މިއީ ކައުންސިލުން ޚަރަދުކޮށް، ކައުންސިލުން ކުރަންޖެހޭ ކަމަކަށްވާތީ އެއީ ވަރަށް ބުރަ މަސައްކަތަކަށް ވާނެކަމަށެވެ. ރަށުގެ ގިރާ ސަރަޙައްދަށް ފަސް އަޅައިގެން ނޫނީ ހިލަޖަހައިގެން ނުވަތަ ޖިއޯ ބޭގް ޖަހައިގެން ސަރަޙައްދު ޙިމާޔަތްކުރުމަށް ކައުސިލަށްވަނީ ހުއްދަ ދީފައެވެ.

ނަމަވެސް މިއީ މާލީގޮތުން ބަލާނަމަ ކައުންސިލަށް ކުރަން ދަތި މަސައްކަތެކަން އޭނާ ފާހަގަކުރިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ރަށްގިރުމާއި ގުޅޭގޮތުން ރަށު ކައުންސިލުން ސާވޭއެއް ހަދައި އެކަމުގެ ލިޔުންތައްވެސް މިނިސްޓްރީ އާއި ޙިއްސާކުރިކަމަށެވެ.

ނަމަވެސް ހިލަޖަހައިގެ ދާއިމީ ޙައްލެއް ގެންނަންވެއްޖެނަމަ 5 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވޭތީ، މިއީ ކައުންސިލުން ކުރިއަށްގެންދަން ފަސޭހަ މަސައްކަތަކަށް ނުވާނެކަމަށް ނާސިރު ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމަށް އެދި އެކި ފަހަރުމަތިން އެންވަޔަރަންމަންޓް މިނިސްޓްރީގައިވެސް އެދިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެކަށީގެންވާ ހައްލެއް މިކަމަށް ހޯދިފައެއް ނުވެއެވެ.

މިއަހަރުގެ ބަޖެޓުގައިވެސް މި މަޝްރޫޢު ހިމަނާފައި ނުވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އަންނަ މަހުގެ ކުރީކޮޅު ދަރަވަންދޫގެ ރަށްގިރުމުގެ މައްސަލަ ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމެށް އެރަށަށް ދިއުމަށް ހަމަޖެހިފަިއވާކަމަށް ކައުންސިލުން ބުނެއެވެ.