ކުޅިވަރު

ރާއްޖެ ކަހަލަ ޤައުމެއްގެ ފުޓްބޯޅައިގެ ޙާލަތު ކޫޕްމަންއަށް އެނގޭނެ: ޖުޑާން


ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ރާއްޖޭގެ ޤައުމީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ދިވެހި ފުޓްބޯޅައިގެ ހާލަތު އެނގޭނެ އަދި ރާއްޖެ ކަހަލަ ކުޑަ ޤައުމެއްގެ ފުޓްބޯޅަ ކުރިއެރުވޭނެ ކޯޗަކަށްވާތީކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ ޖުޑާން އަލީ ބުނެފިއެވެ.

މިދިޔަ މަހު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ހަމަޖެއްސި ޖުޑާން އަލީގެ ފުރަތަމަ މަސައްކަތަކަށްވީ ޤައުމީ ޓީމަށް ކޯޗެއް ހަމަޖެއްސުމެއެވެ. ޖުޑާން ބުނީ ޤައުމީ ޓިމްގެ ކޯޗުކަމަށް އިއުލާންކުރުމުން 150ވަރަކަށް ކޯޗުން ސީވީ ފޮނުވިކަމަށާއި، އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ކުރީގެ ބައެއް ކުޅުންތެރިންވެސް ހިމެނޭކަމަށެވެ.

ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗުކަމަށް ގެނައުމަށް ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯއާއި، ކުރީގެ ގޯލްކީޕަރު ހޫލިއޯ ސެސަރއާއިވެސް ވާހަކަދެއްކިކަމަށް ޖުޑާން ބުންޏެވެ. ޖުޑާން ބުނީ ކޯޗު ކޫޕްމަންއަށް ފުރުސަތުދިން މައިގަނޑު ސަބަބަކީ ރާއްޖެގެ ކަހަލަ މާހައުލެއްގައި މީގެ ކުރިން އޭނާ މަސައްކަތްކޮށްފައިވުންކަމަށެވެ. އަދި ކޫޕްމަންއަކީ ފުޓްބޯޅައިގެ ވިސްނުމަށް ބަލާއިރު ކޫޕްމަންގެ ފިލޯސަފީއާ އަޔަކްސް އާއި ބާސެލޯނާ ގެންގުޅޭ އުސޫލާ އެއްގޮތް ކަމަށާއި، މީގެ ސަބަބުން އެއް މިސްރާބެއްގައި ކުރިއަށް ގޮސް ދިވެހި ފުޓްބޯޅަ ކުރިއަރުވަން ފަސޭހަވާނެތީކަމަށެވެ.