ކުޅިވަރު

ކޯޗަށް ދިން ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސުޒުކީ ކަޕް ދިފާއުކުރުން: ބައްސާމް


އައު ކޯޗު މާޓިން ކޫޕްމަންއާއި ހަވާލްކޮށްފައިވާ ޓާގެޓަކީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗުން ޓީމް މޮޅުކޮށްދިނުމާއި، ސެޕްޓެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާޢުކުރުންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޤައުމީ ޓީމްގެ ކޯޗު ކޫޕްމަންއަށް މިވަގުތަށް ހަވާލްކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ޓާގެޓެއްކަމަށެވެ. އެއީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުމާއި، އަންނަ ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުންކަމަށެވެ.

އަދި ސާފް ޗެމްޕިއަންޝިޕަށްފަހު ކޫޕްމަންގެ މަސައްކަތް އިވެލުއޭޓްކޮށް އަންނަ އަހަރަށްވެސް ޓާގެޓެއް ހަވާލްކުރައްވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ކޯޗު ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެފްއޭއެމްގެ މެނޭޖުމަންޓުން ލިބޭނެކަމަށާއި، ކޯޗު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެކަމަށެވެ.

މަގާމާއި ހަވާލްވުމަށްފަހު ކޯޗު ކޫޕްމަން ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް އިނގޭކަމަށާއި، ޓީމަށް ހެޔޮ ބަދަލްތަކެއް ގެނެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ. އަދި އޭޝިޔާގެ ފުޓްބޯޅައިގެ ތަޖުރިބާ ހުރުމަކީ މިފަދަ ޓީމަކާއިއެކު ކުރިއަށްދެވޭނެކަމުގެ އުއްމީދު އޮތް އެއް ސަބަބުކަމަށް އޭނާ ބުންޏެވެ. ކޯޗު ބުނީ އޭނާއާއި ހަވާލްކޮށްފައިވާ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެންމެ ފަހުން އޭނާ ކޯޗުކަންކޮށްދިން އަރޫބާއަކީވެސް ދިވެހިރާއްޖެކަހަލަ ޖަޒީރާ ޤައުމެއްކަމަށާއި، އެހެންކަމުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރަންޖެހޭ މަސައްކަތް ދެނެގަންނަން އޭނާއަށް އުނދަގޫނުވާނެކަމަށެވެ.