ޚަބަރު

ޖަލު އޮޑިޓްގައި ކަރެކްޝަނަލް ސަރވިސްއިން ކުރުމަށް ހުށައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި


ޖަލުތަކުގެ އޮޑިޓްގައި ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒުކުރުމާ އެކަން ކުރެވޭ މިންވަރު ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވި ގޮތުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވަނީ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މިދިޔަ 2019 ވަނަ އަހަރު އެކުލަވާލި ކޮމިޓީން ނެރުނު ރިޕޯޓުގައި ކަރެކްޝަނަލް ސަވިސްއިން ކުރަންޖެހޭ ކަމަށް ހުށައެޅި ކަންކަން ތަންފީޒުކޮށް އެކަންކުރެވޭ މިންވަރު ދެނެގަތުމަށް ކަމަށެވެ.

މިއާއެކު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވަނީ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިހާރުގެ ކޮމިޝަނަރ އޮފް ޕްރިޒަންސްވެސް ހިމެނޭހެން އެކުލަވާލި ކޮމިޝަނުން އެ ކޮމިޝަންގެ މަސައްކަތް ނިންމާ 290 ސޮފްހާގެ ރިޕޯޓެއް ވަނީ ނެރެފައެވެ. މިރިޕޯޓްގައި ޖަލުތަކުގައި އިސްލާހުކުރަންޖެހޭ 180 ވުރެ ގިނަ ކަންކަން ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަން އިސްލާހުކުރުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހޯމް މިނިސްޓްރީން އޭރުވަނީ ގޮވާލައްވާފައެވެ.

ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް ހޯމް މިނިސްޓްރީންވެސް ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ކޮމެޓީއެއް އެކުލަވާލާފައެވެ.

ޖަލުތަކުގައި ހަމަނުޖެހުންތަކެއް ހިންގުމާއި ގުޅިގެން އާންމު ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަން ފަށާފައިވަނިކޮށް ސަރުކާރުން ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ކުރިން ހުރި ޢަބްދުﷲ މުނާޒް އެމަޤާމުން ވަކިކުރައްވައި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަޙުމަދު މުޙައްމަދު ފުޅު އެމަޤާމަށް އައްޔަންކުރައްވާފައެވެ.