ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ނެދަލޭންޑްސްގެ މާޓީން ކޫމަން ހަމަޖައްސައިފި


ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ހަމަޖައްސައި އޭނާގެ އެސިސްޓަންޓަކަށް ރެނޭ ހިޑިންކް ހަމަޖައްސައިފިއެވެ.

ޤައުމީ ކޯޗުގެ މަގާމް ހުސްވީ ކުރީގެ ކޯޗު ޕީޓަރ ސެގާޓް މިދިޔަ އަހަރުގެ ސާފް ގޭމްސްއަށްފަހު މަގާމުން ވަކިކުރުމުންނެވެ. ކޯޗު ސެގާޓާއިއެކު އެސިސްޓަންޓް ކޯޗު ގެލާވެސްވަނީ ވަކިކޮށްފައެވެ. އައު ޤައުމީ ކޯޗު މާޓިން ކޫޕްމަން އަދި އެސިސްޓަންޓް ކޯޗު ރެނޭ ހިޑިންކާއިއެކު އެފްއޭއެމުން ހަދާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ.

ކޫޕްމަންވަނީ މީގެ ކުރިން ނެދަލެންޑްސްގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކަށް އިރުޝާދުދީފައެވެ. އެންމެ ފަހުން އޭނާ އިރުޝާދުދިނީ މެދުތެރޭ އެމެރިކާގެ ޖަޒީރާ ޤައުމެއްކަމަށްވާ އަރުބާއަށެވެ. ލައްކައެއްހާ މީހުންގެ އާބާދިއެއް އޮންނަ އަރޫބާގެ ކޯޗެއްގެ ގޮތުގައި އޭނާ 2 އަހަރު ހޭދަކުރިއެވެ. އަރޫބާގެ ކޯޗަކާއި ހަވާލްވުމުގެ ކުރިން އޭނާވަނީ ޗައިނާ ލީގުގެ ކުލަބެއްގެ އިތުރުން ސައުދީ އަރަބިއްޔާގެ މަޝްހޫރު ކުލަބު އަލް ނަސްރަށް އިރުޝާދުދީފައެވެ. އަދި މީގެ އިތުރުން 2002އިން 2004އަށް ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމަށް އިރުޝާދުދިން ވެންޑެލެމްގެ އެސިސްޓަންޓެއްގެ ގޮތުގައިވެސް އޭނާ މަސައްކަތްކުރިއެވެ.

ކޯޗުގެ އެސިސްޓަންޓަކަށް ހަމަޖެއްސި ރެނޭ ހިޑިންކަކީ ނެދަލޭންޑްސްގެ މަޝްހޫރު ކޯޗު ގުސް ހިޑިންކްގެ ކޮއްކޮއެވެ. ދެކުނު ކޮރެއާ ގޮވައިގެން 2002ގެ ވަރލްޑްކަޕް ސެމީ ފައިނަލަށް އެޓީމް ގެންގޮސްދިން ހިޑިންކްގެ އެސިސްޓަންޓެއްގެ ގޮތުގައި ރެނޭވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ރެނޭވަނީ އެފްރީކާގެ ބައެއް ދަށް ޤައުމުތަކުގެ ކުލަބުތަކަށްވެސް އިރުޝާދުދީފައެވެ.