ތަޢުލީމު

މީމިސް މެދުވެރިކޮށް އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެގޮތް ހަދައިފި


މީމިސް މެދުވެރިކޮށް އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

ތަފާތު ސަބަބުތަކާހުރެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަކީ ތަކުލީފުބޮޑު ކަމެއްގެ ގޮތުގައި ގިނަ ބެލެނިވެރިން ސިފަކުރެއެވެ. އެގޮތުން އެއް ސްކޫލުން އަނެއް ސޫކަލަށް ކުދިން ބަދަލުކުރާއިރު، އެ ބަދަލުކުރަން ބޭނުންވާ ސްކޫލަކުން ޖާގަލިބުންކަމުގެ ލިޔުމެއް ހޯދަންޖެހެއެވެ. އަދި ކުއްޖާ ކުރިން އުޅުނު ސްކޫލުގެ ލީވިންގ ސެޓްފިކެޓެއްވެސް އެކަމަށް ބޭނުންވެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ޢާދަމް ވިދާޅުވީ، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ކުރިއަށްވުރެ ފަސޭހަކުރުމުގެގޮތުން، އެކަމަށް ޚާއްސަ ފޯމެއް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކަށް ފޮނުވާފައިވާކަމަށެވެ. އަދި ކުދިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގެ ކަންކަން މީމިސް މެދުވެރިކޮށް އެއް ސްކޫލަކުން ފުރިހަމަކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށް މޫސާ ޢާދަމް ވިދާޅުވިއެވެ.

"ކުދިން ބަދަލުކުރުމަށްޓަކާ ބެލެނިވެރިން އެއް ސްކޫލުން އަނެއް ސްލޫކަށް ދުވުމުގެ ބަދަލުގައި، ކުދިން ބަދަލުކުރުމަށް އެދޭ ފޯމެއް ހުރިޙާ ސްކޫލަކަށް އަޅުގަނޑުމެން މިހާރު ވާނީ ފޮނުވާފައި. މިބަދަލާއެކު މީމިސް މެދުވެރިކޮށް ކުދިން ޓްރާންސްފަރކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ. އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން ބެލެނިވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް" މޫސާ އާދަމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދަަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކާ ކުރީގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރޭޑް 9 އަކުން ދަށް ނަތީޖާ ލިބޭ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ދަސްވާރު ޕްރޮގްރާމް ހުއްޓާލުމަށްފަހު، ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެކި ކަހަލަ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.