ޚަބަރު

ބިމުގެ އަޑިން ގޭސްހޮޅި އަޅާގޮތަށް މާލޭގެ މަގުތަށް ހެދުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފި


ބިމުގެ އަޑިން ގޭސްހޮޅި އާއި ފަޔަރ ހައިޑްރަންޓް ހޮޅި އަޅައި، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސިޓީ ކައުންސިލުން ސޮއިކުރެއްވީ ސިފާ މުހައްމަދެވެ. އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަދާނީ ހަތަރު ޑިޒައިނަކަށް ކަމުގައި ވެސް މާލެސިޓީ ކައުންސިލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އާރޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އާއި ނެއިބަރ ހުޑް ޕެޑެސްޓްރިއަން ރޯޑްއެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރޮށްގެންކަމަށް ސިޓީ ކައުންސިލް އިން ވިދާޅުވެއެވެ. އަދި މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅި އާއި ގޭސް ހޮޅި ހިމަނައިގެންނެވެ. ޖުމުލަ 462 މިލިޔަނަށް ރުފިޔާ ޚާރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަޝްޜޫއގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސްޓް ޕާކް ސަރަހައްދުގައެވެ. އެ ސަރހައްދުން 1.94 ކިލޯ މީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވުމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި މަގުތަކުގައި ޕާކިންގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކުރުމަށްވެސް ފުރުޞަތު ލިބިގެންދާނެކަމަށް ސިފާ ވިދާޅުވިއެވެ.

" އެންމެ މުހިއްމު ކަމަކީ ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅޭފަދަ ޕެވްމަންޓެއް ޤައިމްވެފައި އޮތުން. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފަސޭހަ މަގުތަކަށް ވެގެންދިޔުން. ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ރައްކާތެރި މަގުތަކަށްހެދުން. ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދައިދިނުން. މަގުތައް ފެންބޮޑުވުން ހުއްޓުވައި އަބަދު ކޮނެފަފަ އޮންނަ އޮތުމަށް ނިމުމެއް ގެނައުން."ސިފާ ވިދާޅުވިއެވެ.

އާރުޑީސިން މަސައްކަތްކުރަމުންދަނީ ގާ އަތުރައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފަށުމަށެވެ. އެ ކުންފުޏީގެ މެނޭޖިން ޑިރެކަޓަރ މޫސާ އަލި މަނިކު ވިދާޅުވީ މި މަޝްރޫއުއިން މާލޭގެ ރައްޔިތުންނަށް އެދޭ ހައްލެއް ލިބިގެންދާނެކަމަށެވެ.

"އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރާނަށް. މިސައްކަތް ފެށުމަށް މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުގެވެސް ހުއްދަ ލިބިފައ. މި މަސައްކަތް ނިމުމުން މާލޭގައި އުޅޭ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެ."އާރްޑީސީގެ މެނޭޖިން ޑިރެކަޓަރ މޫސާ އަލި މަނިކު ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އުސްކޮށް ޕާރކިން ބިލްޑިންތައް އެޅުމަށް 21 ތަނެއް
ކަނޑައަޅާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވއެވެ.

މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާ އާއި އެކުގައެވެ.

އަދި މަސައްކަތް ޑިޒައިންކޮށްފައި ވަނީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.