ޚަބަރު

ކޮރޮނާވައިރަސް ޖެހުނު މީހުންގެ ޢަދަދު 2000އަށްވުރެ މައްޗަށް، 56 މީހުން މަރުވެއްޖެ


ޗައިނާއާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޮނާވައިރެސް 2،000ށްވުރެ ގިނަ މީހުންނަށް ޖެހިއްޖެއެވެ. ވައިރަސް ޖެހިގެން ޗައިނާއިން މިހާތަނަށް 56 މީހުންވަނީ މަރުވެފައެވެ.

ޗައިނާގެ ރައީސް ޝި ޖިންޕިންގް ވިދާޅުވެފައިވަނީ މިހާރު އެޤައުމުގައި ފެތުރެމުންދާ ވައިރަސްގެ ސަބަބުން އެޤައުމަށް ވަރަށް ހިތްދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި އިތުރަށް ވައިރަސް ނުފެތުރޭނެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޝިވަނީ ޗައިނާގެ ސިއްޙަތާއިބެހޭ ވުޒާރާތަކަށް އަންގަވާފައެވެ.

ޗައިނާގެ ވުހާން ޕްރޮވިންސްގައި ހުންނަ ސީފުޑް ވިއްކާ މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ވައިރަސް ޗައިނާގެ އެކި ސަރަޙައްދުތަކަށްވަނީ ފެތުރިފައެވެ. މިބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި މީހުން އެއްވެ އުޅޭ ގިނަ ތަންތަންވަނީ ބަންދުކޮށްފައެވެ.

ވުހާން ވައިރަސް މިހާރުވަނީ އެހެން ޤައުމުތަކަށްވެސް ފެތުރިފައެވެ. މީގެ ތެރޭގައި ދެކުނު ކޮރެއާ، ޖަޕާން، ޓައިވާން، ތައިލެންޑު، އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް އަދި އެމެރިކާ ހިމެނެއެވެ. ޗައިނާއިންވަނީ ވައިރެސް ފުރަތަމަ ފެނުނު ވުހާން ސިޓީ ބަންދުކޮށްފައެވެ. 11 މިލިއަން މީހުން އުޅޭ އެސިޓީގައި މީހުން އެއްވެ އުޅުންވަނީ މަނާކޮށްފައެވެ.