ކުޅިވަރު

އެރިކްސަންގެ މައްސަލާގައި ޓޮޓެންހަމް ގޯސް ނުކުރެވޭނެ: މޮރީނިއޯ


ޓޮޓެންހަމުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުލަބު ބަދަލުކުރަން އުޅޭތީވެ އެކަމުގައި ކުލަބު ގޯސްކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިޓަލީގެ އިންޓަމިލާނަށް ބަދަލުވާން އުޅޭ ކުޅުންތެރިޔާ ލައްވައި ސޮއިކުރުވަން ޓޮޓެންހަމްކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. އެރިކްސަން މިހާރުހުރީ 20 މިލިއަން ޕައުންޑަށް އިންޓަމިލާނަށް ބަދަލުވާން ތައްޔާރަށެވެ. އޭނާ ހިފެހެއްޓުމުގެ ބާރެއް ޓޮޓެންހަމުގައި ނެތެވެ. އެއީ ޖެނުއަރީ ޓްރާންސްފާގައި އޭނާ ވިއްކާނުލައިފިނަމަ އަންނަ ޖޫން މަހު ފްރީ ޓްރާންސްފާގައި ކުލަބު ބަދަލު ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

"މިކަމުގައި ޓޮޓެންހަމް ގޯސްކުރަންޖެހޭނީ އެންމެ ފަހުން. ކުލަބުން ކުރާނެ ކަމެއްނެތް. އޭނާ ކުލަބު ބަދަލު ކުރުމުގެ ކަންކަން މިހިސާބަށް އައީ ޖެނުއަރީ 25 ވަނަ ދުވަހަކުނޫން. އަހަންނަށް މިވަގުތު ބުނެވެން އޮތް ހަމައެކަނި ވާހަކައަކީ އަހަރެން ކޯޗުކަމާ ހަވާލުވިފަހުން އޭނާގެ އަމަލުތައްހުރީ ވަރަށް ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް،" ޑެންމާކުގެ މިޑްފީލްޑަރާމެދު ހިތްހަމަނުޖެހުން ފާޅު ކުރަމުން މޮރީނިއޯ ބުންޏެވެ.

އެރިކްސަން ކުލަބު ބަދަލުކުރަން އުޅޭއިރު ޓޮޓެންހަމަށް ވަނީ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވެފަ އެވެ. އެއީ ކެޕްޓަން ހެރީކޭން އާއި މުހިންމު އެނޫން ކުޅުންތެރިންނަށް އަނިޔޭވެ ފިނަ ދުވަސްތަކެއްގައި ކުޅުމާ ދުރުގައި ތިބެންޖެހިފައިވާތީ އެވެ.