ޚަބަރު

ކުޅުދުއްފުށީ އަންހެން ފުޓްސަލް މުބާރާތުގައި 6 ޓީމަކުން ބައިވެރިވެއްޖެ


ކުޅުދުއްފުށީ އަމިއްލަ ފަރުދަކު އިސްނަގައިގެން ސިބްކޯ ކަނބުލޮ ވުމެންސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިއްޔެއަށް ހަމަވެފައިވާއިރު މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުންނެވެ. އެއީ ޓީމް އީގަލްސް، ފިޔަވާލި، ޔުނީކް ފުރެންޑްސް، ކޭވައިއާރުސީގެ އިތުރުން ކޭއާރުއެޗް އަދި ޓީމް ބިއަރޑްއެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 7ވަނަ ދުވަހުގެރޭ 08:15 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގައެވެ. އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 18ވަނަ ދުވަހުގެ ރޭ ކަމަށާއި ކޮންމެ ރެއަކު 2 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅޭނީ ރޭގަނޑުކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށައެޅިފައިވާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ސިބްކޯ ޕުރައިވެޓް ލިމިޓެޑެވެ. މި މުބާރާތަކީ އަންހެނުން ކުޅިވަރުގެ މައިދާނަށް ނިކުތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ މަގުސަދުގައި ކުޅުދުއްފުށީގެ އަންހެނުންނަށް އަދި ކުޅުދުއްފުށީގައި ދިރިއުޅޭ އަންނެހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މިމުބާރާތުގެ ކޯޑިނޭޓަރ ވިދާޅުވީ އަމިއްލަ ފަރުދަކު އިސްނަގައިގެން ބާއްވާ މިމުބާރާތުގެ އެންމެހާ ކަންކަމުގައި ހަރަކާތްތެރިވާނީ ކުޅުދުއްފުށީ ސްކައި ޖަމިއްޔާއާއި ހިރަފުސްގެ ގެ ބައިވެރިންކަމަށެވެ.