ޚަބަރު

މިނިސްޓަރު އިމްރާންގެ ޓްވީޓާއެކު ބަހުގެ ހަމަލާތަކެއް


ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ޙާލަތާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ ކުރެއްވި ޓްވީޓާ ގުޅިގެން ޔާމީނަށް ތާޢީދުކުރާ ބައެއް މީހުންނާ ފާޑުކިޔާ މީހުންނާމެދު ޓްވިޓަރގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަންފަށައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަށް ރައްދު ދެއްވި ބޭފުޅުންގެ ތެރެއިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫންގެ ނަންފުޅުގެ ކުރިއަށް ރައީސް އައިފަދައިން، ރައީސް ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސްގެ ލަގަބު ނައީ ކީއްވެތޯ ޑރ.ޝަހީމް ސުވާލު އުފައްދަވާފައިވެއެވެ. އަދި ރައީސް ޔާމީންއަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުންކަމަށާއި، ރައީސް ޔާމީން މިނިވަން ވާންޖެހޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރގެ ޓްވީޓަށް ރައްދު ދެއްވި ބައެއް ބޭފުޅުންވަނީ ރައީސް ޔާމީންގެ ކުރިއަށް ރައީސްގެ ލަގަބު ބޭނުން ނުކުރި މައްސަލާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ހަމަ އެހެންމެ ހުކުމެއް ސާބިތުވެ ޖަލަށް ލުމުން ރައީސްގެ ލަގަބު ބޭނުން ކުރަންނުޖެހޭނެ ކަމަށްވެސް ބައެއްބޭފުޅުން ވަނީ ޝުއޫރުފާޅުކޮށްފައެވެ.

ހޯމް މިނިސްޓަގެ ޓްވީޓަށް ރައްދު ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލުމަށް ހުކުމް ކުރި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްވަނީ އޭނާގެ ޝުއޫރު ފާޅުކުރައްވާފައެވެ. ނާޒިމްގެ ޓްވީޓްގައި ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދިޔަ އިރު ދިން އަނިޔާއަށްވުރެ ބޮޑު އަނިޔާ އަނބިދަރިންނާއި އާއިލާއަށް ދީފައިވާކަމަށެވެ. އަދި އެދުވަހު އޭރުގެ ސަރުކާރުން ދިން އަނިޔާއާއި އަމަލުކުރެއްވި ގޮތް ހަނދާންނެތް ބަޔަކަށް ޖަވާބު ނުދިނުން މާރަނގަޅުވާނެކަމަށް އޭނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިނޫންވެސް ވަރަށްގިނަބަޔަކު ދަނީ ތްވީޓަރގައި މިކަމުގައި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މަނީ ލޯންޑަރިންގެ މައްސަލާގައި ކުށްސާބިތުވެ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދު ނުޙައްޤުން ބަންދުކުރި ތަނުގައި އެއަށްވުރެ މާ ފެންވަރު ރަނގަނޅަށްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.