ޚަބަރު

އަންނަ ހަފްތާގައި ރާއްޖެ، އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވާނެ - ފޮރިން މިނިސްޓްރީ


މިފެށޭ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް ލިބޭނަކަމުގެ އުންމީދު އެބައޮތްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތާއި އަލުން ގުޅުމުގެ މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ހެދުމަށް މެމްބަރު އެހެން ޤައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. މިއާއެކު މިއަހަރުގެ ޖޫންމަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގައި ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވެވޭނެކަމަށް ފޮރިން މިނިސްޓަރު ކުރިންވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިމަހު ބޭއްވި ރައިސީނާ ޑައިލޮގުގެ ހަވާސާގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްއާ އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ސެކްރެރަޓަރީ ޖެނަރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްވަނީ މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު ރާއްޖެއަށް އެޖަމްޢިއްޔާގެ މެންބަރުކަން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭނުންވާގޮތަށް ކޮމަންވެލްތާއި އަލުން ގުޅުމުގެ މަސައްކަތް ކާމިޔާބުކަމަށެވެ.

"އަޅުގަނޑު ކޮމަންވެލްތް ސެކްރަޓަރީ ޖެނަރްއާ ބައްދަލުކުރިން އެކަމަނާގެ ވާހަކަފުޅުގައި ވަރަށް އަވަހަށް، މިމަހުގެ ނިޔަލަށް ނުވަތަ އަންނަ މަހުގެ ކުރީކޮޅު ރާއްޖެއަށް މެންބަރުކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި. އަޅުގަނޑު ދެންނެވިން ދިވެހިން މިތިބީ ކޮމަންވެލްތާގުޅެން ކެތްމަދުވެފައޭ" މިނިސްޓަރއ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން ލިބުމާއެކު މެންބަރު ޤައުމުތަކުގައި ރާއްޖެއިން ޤާއިމްކޮށްފައިވާ އެމްބަސީތައް ހައިކޮމިޝަނަށް ބަދަލުވެގެންދާއިރު، އެކަމަށްޓަކާއި ވާންޖެހޭ ތައްޔާރީތައްވެސް ފޮރިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.