ޚަބަރު

ބ. މާއްޑޫ ބެލެހެއްޓުން އޭދަފުށީ ކައުންސިލްގެ ދަށަށް


ބ.އަތޮޅު އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ ބ.މާއްޑޫ ވަގުތީގޮތުން ބެލެހެއްޓުން އޭދަފުށީ ކައުންސިލާ ޙަވާލުކުރުމާ ގުޅިގެން އެރަށަށް ޕިކްނިކް ދިއުމާއި އާމްދަނީ ހޯދޭނެގޮތްތައް ރާއްވަން ފަށައިފިއެވެ. ބ. މާއްޑޫ ބެލެހެއްޓުން އެކައުންސިލާ ޙަވާލުކޮށްފައިވަނީ މި މަހު އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިހާރު އެރަށް ބެލެހެއްޓުމަށާ، އާންމު ބޭނުންތަކަށް އެރަށަށް ދެވޭގޮތަށް އުޞޫލެއް އެކުލަވާލައި ޢަމަލު ކުރަންފަށާފައިވާކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ޠަލާލް އަބްދުއްރަޙްމާން ވިދާޅުވީ، މާއްޑޫއިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ދަރާއި ފަން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ، އަދި މާއްޑޫއަށް ދަތުރު ދާންބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު، އެރަށުގެ މޫދާއި ގޮނޑުދޮށް ހިމެނޭ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށެވެ. އެއްވެސް ފަރާތަކުން ރަށުތެރެއަށް ނޭރުމަށާއި ރަށުން އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މާއްޑޫއިން މަހަކު ދެފަހަރު ކާށި ހޮވުމަށް ހުއްދަ ދިނުމަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. ޠަލާލް ވިދާޅުވީ މާއްޑޫގައި ކައުންސިލަށާއި، އާންމު ރައްޔިތުނަށް ފައިދާހުރި ކަންކަން ކުރުމުގެ ވިސްނުން އެބަހުރިކަމަށާއި، އެކަން ކުރެވޭނީ އެއްބަސްވުމެއް ހެދުމަށްފަހުކަމަށެވެ. މިހާރު އެކުލަވާލެވިފައި އޮތް ޑްރާފްޓް އެއްބަސްވުމުގައި އިޞްލާޙް ކުރަންޖެހޭ ކަންކަން ހުރިކަމަށާއި ދާއިމީކޮށް އެކައުންސްލްގެ ބެލުމުގެ ދަށަށް މާއްޑޫ ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް ޠަލާލް ވިދާޅުވިއެވެ.

އޭދަފުށީ ގިނަ ބައެއްގެ އެދުމުގެ މަތިން 2013 ވަނަ އަހަރު މާއްޑޫއަކީ ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓުން ފާސްކޮށް 2013 ވަނަ އަހަރުގެ ޖުލައިމަހު އޭދަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އޭގެ ފަހުން އެރަށް ވަރުވާއަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވަނިކޮށް، އެރަށްހޯދަން އެގްރިކަލްޗަރ މިނިސްޓްރީން ކުރިމަސައްކަތާގުޅިގެން ، ވަރުވާއަށް އެރަށް ލިބިފައިވާ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް މިމައްސަލައިގައި ވަގުތީ އަމުރެއް ނެރެ މިދިޔަމަހުގެ ނިޔަލަށް އެރަށް އޮތީ އޭނާގެ ބެލުމުގެ ދަށުގައެވެ.

ބ.މާއްޑޫއަކީ އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެކެވެ. މިއީ މީގެ 51 އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. މިރަށުގެ ރައްވެހިން 1968 ވަނަ އަހަރު ވަނީ އޭދަފުއްޓަށްބަދަލުކޮށްފައެވެ.