ވިޔަފާރި

ވަޒީފާއަށް މީހުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ފުރަތަމަ ޕްރޮގްރާމް އުކުޅަހުގައި ފަށައިފި


ވަޒީފާގެ ބާޒާރަށް މީހުން ތަމްރީނުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިން ކުރިއަށްގެންދާ ފުރަތަމަ ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން އުކުޅަހުގައި ގެސްޓްހައުސް މެނޭޖްމެންޓް ދައިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ކުރިއަށްދާނެކަމަށެވެ. މި ކޯސް ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

އުކުޅަހުގައި ކުރިއަށްދާ މި ކޯހުގައި 43 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ވަޒީފާގެ ބާޒާރަށް ދިވެހިން ނެރެ އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭ 10 ކޯހެއް ކުރިއަށްގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީމަހު 4 ރަށެއްގައި މި ކޯސްތައް ކުރިއަށްގެންދާއިރު ފެބްރުއަރީމަހުގެ ތެރޭ ޅ. ހިންނަވަރު، ފުވައްމުލައް ސިޓީ އަދި މ.މުލީގައި މި ޕްރޮގްރާމުގެ ދަށުން ކޯސްތައް ކުރިއަށްގެންދާނެއެވެ.

މިނިސްޓްރީން ތަމްރީންދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ގެސްޓްހައުސް މެނޭޖްމަންޓް ދާއިރާއާއި އިންޖީނިއަރިންގ، އިލެކްޓްރީޝަން، އެއާކޮންޑިޝަނިންގ އަދި އާކޓީޓެކްޗަރ ހިމެނެއެވެ.

މި ކޯސްތަކުގެ އިތުރުން މިއަހަރުގެ މެއި، ޖޫން، ސެޕްޓެމްބަރު އަދި އޮކްޓޯބަރުމަހު ވެސް މީގެ ކޯސްތަކެއް ކުރިއަށްގެންދަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން ހއ. ށ. ނ. ދ. ވ ހދ. ގދ. ލ. ކ އަތޮޅު ކާށިދޫ ފ އަތޮޅު އދ. ގދ އަދި ތ އަތޮޅުގައި ކޯސްތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ދިވެހިން ބިނާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން 5000 އެއްހާ ވަޒީފާގެ ފުރުސަތު އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ފައްޔާޟް ވަނީ ވިދާޅުވެފައެވެ.