ޚަބަރު

ވައުދުވާންޖެހޭނީ ކައުންސިލުން ބޭނުންވާކަންކަން ރައްޔިތުންނަށް ކޮށްދިނުމަށް - ރައީސް ނަޝީދު


އައްޑޫ ސިޓީ ތަރައްޤީ ކުރެވޭނީ ލިބޭ ޢާމްދަނީ އެސިޓީގައި ހިފަހައްޓާ ބޭރުގެ އިންވެސްޓްމަންޓަށް ފުރުސަތު ހުޅުވާލައިގެންކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް އައްޑޫ ސިޓީން ވާދަކުރާ ކެނޑިޑޭޓޫންގެ މެނިފެސްޓޯ އެކުލަވާލުމަށް އެސިޓީގެ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިއަދު ކުރިޔަށް ގެންދިޔަ "އެޖެންޑާ 19 ރަށަށް" މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ މެނިފެސްޓޯ ތައްޔާރުކުރާއިރު އެންމެ އިސްކަމެއްދޭންވީ އެސިޓީއަށް ލިބޭ އާމްދަނީ ސިޓީގެ ތެރޭ ދައުރުކޮށް ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށްކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ވަމުންދާ ވައުދުތައް މިހާރު ފެންނަން ހުންނާނެކަމަށާއި އެވައުދުތައް ފުއްދަމުންދާ މިންވަރުވެސް ރައްޔިތުންނަށް މިހާރު އެެގެން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ "އެޖެންޑާ 19 ރަށަށް" މި ވޯކްޝޮޕްގެ ބޭނުމަކީ ކައުންސިލުން ހިންގާނެ ނުވަތަ ހިންގި ދާނެ މަޝްރޫއުތަކަކީ ކޮބައިތޯ ބަލާ ދެނެގަތުންކަމަށެވެ. އަދި މިފަހަރު ވައުދުތައް ވާންޖެހޭނީ ކައުންސިލުތަކުން ކުރަން ބޭނުންވާކަންކަން ރައްޔިތުންނަށް ކޮށްދިނުމަށް ވާންޖެހޭ ވައުދުތަކެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑުގެ ވިސްނުމުގައި އޮތީ މަސައްކަތްތަށް މިހާރު އަޅުގަނޑުމެން ކުރަން ފެށުން. އެކައުންސިލު ދެމި އޮންނާނެ އާ ކައުންސިލެއް އިންތިހާބު ވަންދެން. އެކައުންސިލުގައި ބަޖެޓެއް އޮތް އިރު، ބަޖެޓު ބޭނުން ކުރެވޭނެ ޕްރޮޖެކްޓުތަށް ހިންގުމަށް. ޤާނޫނު އެކަމަށް ޖާގަ ދޭ. މިފަހަރު އަޅުގަނޑުމެން ވައުދު ވާއިރު، އަޅުގަނޑުމެންގެ ވައުދު ފެންނަން އޮންނާނެ. އެކަން ވަމުންދާތަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފެންނާ " ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެޖެންޑާ 19 - ރަށަށް " ގެ ނަމުގައި އައްޑޫގައި ބޭއްވި މަސައްކަތު ބައްދަލުވުން 190 ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މިމަސައްކަތުގެ ބައްދަލުވުމުގެ ހެނދުނު ދަންފަޅީގައި އޮތީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެވެ. އަދި މެންދުރު ފަހު ދަންފަޅީގައިވަނީ ކައުންސިލުން ހިނގިދާނެ ޕްރޮޖެކްޓުތަކެއް ފަރުމާ ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ބައިވެރިންވަނީ 19 މަޝްރޫއެއް ހުށައަޅާފައެވެ. މި މަޝްރޫއުތައް ކަރުދާހަށް ގެނައުމަށް ހާއްސަ ޓީމްތަކެއްވެސް ވަނީ އެކުލަވާލާފައެވެ.

މާލޭގެ އިތުރުން ހއ އަދި ހދ. ފިޔަވައި 18 ސަރަހައްދެއްގައި މިމަސައްކަތުގެ ބައްދަލުވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިމަސައްކަތު ބައްދަލުވުމުގައި އެއަތޮޅެއްގެ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް އެމްޑީޕީގެ ފަރާތުން ޕްރައިމަރީ ތަކުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ އިތުރުން، ޕާޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.