ޚަބަރު

ޑާވޮސް ބައްދަލުވުމުގެ އަމާޒު މޫސުމަށް އަންނަމުންދާ ބަދަލުތަކަށް


ސްވިޓްޒަލެންޑުގެ ޑާވޯސްގައި މިއަހަރުގެ ބާއްވާ ބައްދަލުވުމުގެ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތިމާވެށި ޙިމާޔަތްކުރުމުގައި މަސައްކަތްކުރާ އުމުރުން ސަތާރަ އަހަރުގެ ގްރީޓާ ތުންބާގެވެ. އެހެން އަހަރުތަކާ ޚިލާފަށް ޑާވޮސްގައި މިއަހަރު ކުރި ބަހުޘްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި ދުނިޔެއަކަށާއި ތިމާވެށީގެ މައްސަލަތަކަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކަށެވެ.

ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާކޮށް ބަހުޘްކުރުމަށް ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނާއި މަދަނީ މުޖުތަމަޢުގެ ނަންމަޝްހޫރު ބޭފުޅުން ވަރަށް އެދެވޭގޮތެއްގައި މިބައްދަލުވުމުގެ ބޭނުންހިފާފައިވެއެވެ. ޑާވޮސް ބައްދަލުވުންތައް ދިރާސާކުރާ ފަރާތްތަކުން ދެކެނީ މިއަހަރުގެ ބައްދަލުވުމާއި ބައްދަލުވުމުގެ މައުޟޫއާއި ބަހުޘްތައް ތަފާތުކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު މައްސަލަކަމަށްވާ ތިމާވެއްޓަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލު ހޯދުމަށް މިފަހަރުގެ ބައްދަލުވުމުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.

ޑާވޮސްގެ ބައްދަލުވުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވަނީ ތިމާވެއްޓާ ރަޙުމަތްތެރި ވާހަކަތަކެއް ފުރަތަމަ ފަހަރަށް ދައްކަވާފައެވެ.
އެމެރިކާއިން މަސައްކަތްކުރަނީ އިޤްތިޞާދީގޮތުން އާދަޔަ ޚިލާފު ކުރިއެރުމެއް ހޯދުމަށްކަމަށް ވިދާޅުވި ނަމަވެސް ޓްރަމްޕްވަނީ ދެހާސް ފަންސާސްވަނަ އަހަރު އައުމުގެ ކުރިން އެއް ޓްރިލިޔަން ގަސް އިންދުމުގެ މަޝްރޫޢޫގައި އެމެރިކާއިން ބައިވެރިވާނެކަން އިޢުލާންކުރައްވާފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓްރަމްޕުގެ މިނިންމެވުން ސިފަކޮށްފައިވަނީ ތިމާވެއްޓަށް ރައްޓެހި ނޫން ބޭފުޅެއްގެ ފަރާތުން ލިބިގެންދިޔަ ތިމާވެއްޓަށް އެއްބާރުލުން ދިނުމުގެ އަމަލަކަށެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން އދ އިސްވެ އެކުލަވާލާފައިވާ މަޝްހޫރު ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖްތަމަޢު މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ޓްރަމްޕްގެ ފަރާތުން ތިމާވެއްޓަށް ހެޔޮ ބަހެއް ލިބުމަކީ ރަގަޅު ފާލެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރިއެވެ.

ޑާވޮސް ބައްދަލުވުމަކީ 1971ވަނަ އަހަރު އުފެއްދި މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމުން ބަހުޘްތަކާއި މަޝްވަރާތަކެއްގެ ގޮތުގައި ކުރިޔަށްގެންދާ އަހަރީ ބައްދަލުވުމެކެވެ. ޑާވޮސްގެ މަޝްވަރާތަކުގައި މީގެ ކުރިން މައިގަނޑު ގޮތެއްގައި އިސްކަންދީފައިވަނީ ދުނިޔޭގެ އިޤްތިޞާދީ މައްސަލަތަކާއި ޖިންސުގެ ހަމަހަމަކަމާއި ސިޔާސީ މައްސަލަތަކަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަކީ އެހެން އަހަރުތަކުގައި ދެވަނަ ދަރަޖައިގެ މައުޟޫއުތަކެވެ. ނަމަވެސް މިފަހަރުގެ ޑާވޮސްގެ ބައްދަލުވުމުގެ މައިގަނޑު ބައިތައް ބިނާވެގެންދިޔައީ ތިމާވެއްޓަށެވެ. ޚާއްޞަކޮށް ދުނިޔޭގެ ޖައްވު ހޫނުވުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށެވެ.