ޚަބަރު

ހުޅުމާލޭގައި އެންމެ ފަހުން ދޫކުރި 76 ފްލެޓެއް ހުރީ މަރާމާތުކުރަން ޖެހިފައި - ހައުސިންގ މިނިސްޓްރީ


ހުޅުމާލޭއިން އެންމެ ފަހުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 76 ހައުސިންގ އެޕާޓްމަންޓެއްގައި މައްސަލަ ހުރިކަމަށް ރިޕޯޓްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ފްލެޓްތަކުގައި ހުރި މަރާމާތާ، ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިމަހުގެ 16ވަނަ ދުވަހަށެވެ. މި މުދަތުގެ ތެރޭގައި 704 ހައުސިންގ ޔުނިޓްގެ ތެރެއިން 76 ފްލެޓްގައި މަރާމާތުކުރަން ބޭނުންވާ ކަންކަން ހުރިކަމަށް ފްލެޓްތަކުގެ ވެރިން ފާހަގަކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީއިންވަނީ ވިދާޅުވެއެވެ.

މިމަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމިނިސްޓްރީންވަނީ 33ގެއަކަށް ގޮސް ގޭގޭގެ ވެރިންނާ ބައްދަލުކޮށްފައެވެ.

އަދި މިގެތަކަށް މިނިސްޓްރީގެ ޓީމްތައް ޒިޔާރަތްކޮށް އެތަންތަނުގައިހުރި މައްސަލަތައް ވަނީ ދެނެގެންފައެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ މިގެތަކުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ފެން ލީކްވުމުގެ މައްސަލަތައްކަމަށެވެ. އަދި މި ނޫންވެސް އެހެން މައްސަލަތައް ފާހަގަކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަނަށް ފަހު ދެނެގަނެވޭނެކަމަށާ، މާރާމަތުގެ މަސައްކަތް ފެށުމަށް ހަމަމެޖެހިފައިވަނީ އިންސްޕެކްޝަންގެ މަސައްކަތްތައް ނިމުމުންކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ފްލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްގެންދިޔަ ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއި ހައުސިންގ މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.

ހައުސިންގ މިނިސްޓްރީން މިދިޔައަހަރުގެ މެއިމަހުގެ ތެރޭގައިވެސްވަނީ މިފްލެޓްތަކުގައި މަރާމާތުކުރަންހުރި މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މިހާރު ފަށާފައިވާ މަސައްކަތަކީ މި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ފަށާފައިވާ މަސައްކަތެކެވެ.

މި 704 ހައުސިންގ ޔުނިޓަކީ ހުޅުމާލޭގައި އެންމެ ފަހުން މީހުން ދިރިއުޅެންފެށި ހައުސިންގ ޔުނިޓްތަކެވެ. މިތާންގައި މީހުން ދިރިއުޅެންފެށީ 2018ވަނަ އަހަރުއެވެ. މިއިން ކޮންމެ ހައުސިންގ ޔުނިޓަކުން މެއިންޓަނެންސް ފީގެ ގޮތުގައި 1000ރުފިޔާ ނަގަމުން އާދެއެވެ.