ރިޕޯޓް

"ލާމު މެރެތަން"އާއެކު، ރައީސްގެ އަނބިކަނބަލުން ފަޒްނާ ތާރީޚުގެ ތެރެއަށް


މެރެތަންއެއް ފުރިހަމަކުރުމަކީ ޢާންމުކޮށް ދުވެ ކަސްރަތުކުރާ މީހުންނަށްވެސް އެހައި ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ހާފް މެރެތަންއަކީ މިހާރު ޢާންމުކަމަށް ވެއްޖެއެވެ. ޢާންމުކޮށް ކަސްރަތުކުރާ މީހުންނާއި، މަޝްހޫރު ގިނަ ބަޔަކުވެސް މެރަތަން ފުރިހަމަކުރުމާއި ދުވުމުގެ ތެރެއިން ފެނުން މިހާރު ޢާންމުވެއްޖެއެވެ. އެހެންނަމަވެސް ޤައުމުތަކުގެ ރައީސުންނާއި އެބޭބޭފުޅުންގެ އަނބިކަނބަލުންނާއި އެނޫންވެސް ސަރުކާރުތަކުގެ ނަން ހިނގާ ބޭބޭފުޅުން މެރެތަން ފުރިހަކުރާ ވާހަކައަކީ އެހައި ޢާންމުކަމެއް ނޫނެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ "ލާމު މެރަތަން" ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ ތާރީޚުން ޖާގަ ހޯއްދަވާފައެވެ. ފަޒްނާ މެރަތަން ފުރިހަމަކުރެއްވީ 5 ގަޑިއިރާއި 39 މިނެޓުންނެވެ.

މީގެ ކުރިން ޤައުމެއްގެ ރައީސެއްގެ އަނބިކަނބަލަކު މެރަތަންއެއްގައި ދުވެވަޑައިގެންފައިވަނީ 2014ވަނަ އަހަރުއެވެ. އެއީ ކެންޔާގެ ފަސްޓް ލޭޑީ މާގްރެޓް ކެންޔައްޓާއެވެ. 2014ވަނަ އަހަރުގެ ލަންޑަން މެރަތަންގައި ދުވެ މާގަރެޓް ކެންޔައްޓާ އެއިވެންޓް ފުރިހަމަކުރެއްވީ 7 ގަޑިއިރާއި، 4 މިނެޓުންނެވެ.

އެހެންކަމުން ލާމު މެރަތަންގެ ޓައިމިންގއާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެވަޑައިގެންފައިވަނީ އެންމެ އަވަހަށް މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓް ލޭޑީއަށެވެ. މެޑަމް ފަޒްނާގެ ހިތްވަރަށް ތަޢުރީފްކޮށް ސޯޝަލް މީޑީޔާގައިވެސް ގިނަބަޔަކު އަންނަނީ އެކަމަނާއަށް ތަޢުރީފްކުރަމުންނެވެ.

ފަސްޓް ލޭޑީން މެރަތަންގައި ދުވުން އާންމުކަމަކަށް ނުވިޔަސް ދުނިޔޭގެ މަޝްހޫރި ފިލްމް ސްޓާރުންނާއި ކުޅިވަރާއި ދުރު އެހެން ދާއިރާތަކުގެ މަޝްހޫރު މޫނުތަކެއްވަނީ މީގެ ކުރިން މެރަތަންތަކުގައި ދުވެފައެވެ. އޭގެ ތެރޭގައި 2007ވަނަ އަހަރު ނިއުޔޯކް ސިޓީ މެރަތަން ފުރިހަމަކުރި ފިލްމީތަރި ކެޓީ ހޯލްމްސް، 1994ވަނަ އަހަރު އެމެރިކާގެ މަރިން ކޯޕްސް މެރަތަން ފުރިހަމަކުރި މަޝްހޫރު ޓީވީ ހޯސްޓް އޯޕްރާ ވިންފްރޭ، 2013ވަނަ އަހަރު ނިއުޔޯކް ސިޓީ މެރަތަންގައި ދުވި ކުރީގެ ފިލްމީ ތަރި ޕަމޭލާ އެންޑަސަން ހިމެނެއެވެ. މީގެ އިތުރުން ޕްރިންސް ފިލިއަމްސްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ކޮއްކޮ ޕިޕާ މިޑީލްޑަންވަނީ 2016ވަނަ އަހަރު ޗައިނާގެ ގްރޭޓް ވޯލް މެރަތަން ފުރިހަމަކޮށްފައެވެ.