ސިއްހަތު

އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޙިދުމަތް ފަށައިފި


ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޙިދުމަތް ރަސްމީކޮށް ފަށައިފި. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އެވެ.

މި ޚިދުމަތް އިފްތިތާޚްކޮށްދެއްވުމަށްފަހު މިނިސްޓަރ އަމީން ވަނީ އެތަން ބައްލަވާލައްވާފައެވެ. އެގޮތުން ލެބޯޓްރީގައި ޤާއިމުކޮށްފައިވާ މެޝިނަރީޒްތަކާއި، އެތަނުން ހެދެންހުރި ޓެސްޓުތަކުގެ މަޢޫލޫމާތު މިނިސްޓަރ ވަނީ އޮޅުންފިލުއްވާފައެވެ.

ގާތްގަނޑަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ލެބޯޓްރީން ކޮމްޕްލީޓް ބްލަޑް ކައުންޓް ޓެސްޓާއި، ބަޔޯ-ކެމިސްޓްރީ އެނަލައިޒަރގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބްލަޑް ޓްރާންސްފިއުޝަން ހެދުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އަލަށް ހުޅުވުނު ލެބޯޓްރީއާއެކު އިންނަމާދޫއާއި، ރަސްމާދޫއާއި. ވަންދޫގެ އިތުރުން ކޮށްޓަފަރުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިންނަމާދޫ ޞިއްޙީ މަރުކަޒުން ބުނެއެވެ.

ހެލްތް މިނިސްޓަރ ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންނަމާދޫ ޞިއްޙީ މަރުކަޒުގެ ވަކިވަކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި ތަނުގެ ވަސީލަތްތައްވެސް ބައްލަވާލައްވާފައެވެ. އަދި ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުންވެސް މިނިސްޓަރ ވަނި މަޢުލޫމާތު އޮޅުއްފިލުއްވާފައެވެ.

އިންނަމާދޫ ހިމެނޭހެން މިހާރު ރ. އަތޮޅުގެ މީހުން ދިރިއުޅޭ 9 ރަށަކުން ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހެލްތް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.