ޚަބަރު

ހެޔޮލަފާ ޖީލެއް ބިނާކުރުމުގައި ޅެންވެރިކަމުގެ ފަންނު ބޮޑު ދައުރެއް އަދާކުރޭ - ނާއިބު ރައީސް


ޤައުމާއިމެދު ވިސްނާ ރަނގަޅު ޖީލެއް ބިނާކުރުމުގައި، ޅެންވެރިކަމުގެ ފަންނު ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

31 ވަނަ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ، ދިވެހިންގެ ރީތި އެތައް ޅެމެއް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާކަން ފާހަގަކުރައްވާފައެވެ. ޅެންވެރިކަމަކީ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއްކަން ފާހަގަކުރައްވާ ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ދިވެހިންނަކީ ދިވެހި ޅެންތަކުގައި ބަރުތީލަކޮށްފައިވާ ރިވެތި އާދަތައް ދައްކުވައިދޭ ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ. ޅެންވެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ނާއިބު ރައީސް ވަނީ، ޤައުމާއި މެދު ވިސްނާ ރަނގަޅު ޖީލެއް ބިނާކުރުމުގައި، ރަނގަޅު ޅެންތައް ބޮޑު ދައުރެއް އަދާކުރާކަމެއްކަމަށް ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ދިވެހި ޝާއިރުންނާއި އަދީބުންގެ މަސައްކަތްތަކުގެ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ދިވެހި ޝާއިރުންނާއި އަދީބުންގެ ހަނދާންތައް އާކުރަންޖެހޭ. ޒުނާނުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އާލާވޭ މި ޅެންވެރިންގެ މަސައްކަތުން. މިއީ ފޮޓޯ ވީޑިއޯއަށް ވުރެ ބާރު ގަދަ ވަސީލަތެއް." ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

31 ވަނަ ޅެންވެރީންގެ ދުވަސް ފާހަގަކުރަނީ މ. ދިއްގަރުގައެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކޮށްފައިވަނީ ދިވެހި ބަހާއި އަދަބަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މ. ދިއްގަރަށް އުފަން ޢަބްދުއް ރަޝީދު ޙުސައިންއަށެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނާއިބް ރައީސްގެ އިތުރުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީގެ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ޅެންވެރީންގެ ދުވަހަކީ 1988 ވަނަ އަހަރު އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި ދުވަސް ހަނދާނަށް ގެނައުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި، ދިވެހި ޅެންވެރިކަމަށް ދިވެހިން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކުރުމުވެ. ދިވެހި ޅެންވެރީންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 15 ޖަނަވަރީ 1989 ގައެވެ.