ސިއްހަތު

އިންނަމާދޫ ޞިއްޙީ މަރުކަޒުން ޙިދުމަތްދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނަން - މިނިސްޓަރ އަމީން


ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުން ޚިދުމަތްދެމުންދޭ ވަގުތު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން މިހެން ވިދާޅުވީ އިންނަމާދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް އިފްތިތާޚްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންނަމާދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް އިފްތިތާޚްކުރުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށް ހެލްތް މިނިސްޓަރ އަބްދު ﷲ އަމީން އެރަށަށް ވަޑައިގަތުމުން ބޮޑުބެރުގެ ހަރަކާތްތަކާއެކު އިންނަމާދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، އެންމެފަހުގެ ޒަމާނީ މެޝިނަރީޒްއާއެކު އިންނަމާދޫ ޞިއްޙީ މަރުކަޒުގައި އަލަށް ޤާއިމުކުރި ލެބޯޓްރީގެ ސަބަބުން އިންނަމާދުއާއި، ކައިރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ފަަސޭހަތަކެއް ލިބިގެންދާނެކަމަަށެވެ. އެގޮތުން މި ލެބޯޓްރީއާއެކު ކޮމްޕްލީޓް ބްލަޑް ކައުންޓް ޓެސްޓާއި، ބަޔޯ-ކެމިސްޓްރީ އެނެލައިޒަރގެ ޚިދުމަތް މިހާރު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މި ލެބޯޓްރީއާއެކު އިންނަމާދޫ ޞިއްޙީ މަރުކަޒުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާނެތީ، މަރުކަޒުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްދިނުމަށް ރައްޔިތުން އެދިފައިވާތީ، އެކަން އޮންނަ އުސޫލުގެ ތެރެއިން ހަމަޖެއްސުމުގެ މަސައްކަތްކޮށްދެއްވާނެކަމަށެވެ.

"ރާއްޖޭގައި ޞިއްޙީ ހިދުމަތް ފޯރުކޮށްދެވެނީ ހެލްތް ސެންޓަރުތަކާ، ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި ޓަރޝަރީ ހޮސްޕިޓަލްތައް މެދުވެރިކޮށް އެކި ފަންތީގައި. ޚިދުމަތްދޭ ވަގުތު މި ކަނޑައަޅަނީ އާބާދީއަށާއި އެތަނަކުން ޚިދުމަތްހޯދާ މީހުންގެ ނިސްބަތަށް ބަލައިގެން. އިންނަމާދޫ ރައްޔިތުންގެ އެދުން ފުއްދައިދިނުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑު ކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

އިންނަމާދޫ ޞިއްޙީ މަރުކަޒުން ރަސްމީކޮށް މިހާރު ޚިދުމަތްދެނީ 8 ގަޑިއިރުއެވެ. ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި އިތުރަށް ޚިދުމަތް ދެއެވެ.

އިންނަމާދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު ވިދާޅުވީ، ކަންކަން ލަސްވާކަމުގެ ވާހަކަދެއްކިޔަސް ކަންކަން ތަރުތީބުކޮށް، ފުރިހަމައަށް ގެންދިއުން އެއީ މި ސަރުކާރުން ކަށަވަރު ކުރައްވާނެކަމެއް ކަމަށެވެ. އަދި ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް އަމާނަތްތެރިކަމާއެކު ކުރުންމަތީ ދެމިހުންނަވާނެކަމަށް ޙަސަން އަޙްމަދު ވިދާޅުވިއެވެ.

"ވޯޓުގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުމެން ދެއްކިން. ވަރަށް ގިނަ ވަޢުދުތަކެއްވިން. އެކަންކަން ފުއްދުމުގައި ލަސްތަކެއް އުޅޭކަމަށް ބުންޏަސް، ކަންކަން ތަރުތީބުކޮށް ފުރިހަމައަށް ގެންދިއުން އެއީ މި ސަރުކާރުން ކަށަވަރުކުރާނެ ކަމެއް"

ރ. އިންނަމާދޫއަކީ ގާތްގަނޑަކަށް 876 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ހޯދަމުން އައީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. މިއީ ލޯންޗްގައިނަމަ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އަދި އަތޮޅު ފެރީގައިނަމަ ގާތްގަނޑަކަށް 1 ގަޑިއިރުގެ ދަތުރެކެވެ.

މީގެއިތުރުން ރ. އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވާއިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 4 ކުދިން ދިރިއުޅޭ ރަށެކެވެ. އެހެންކަމުން ރަށުގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ އެކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްގެ ގޮތުގައި އިންނަމާދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ރ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ރ. އަލިފުށި ޞިއްޙީ މަރުކަޒު، ރ. ދުވާފަރު ޞިއްޙީ މަރުކަޒު، ރ. ހުޅުދުއްފާރު ޞިއްޙީ މަރުކަޒު، ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު، ރ. މަޑުއްވަރި ޞިއްޙީ މަރުކަޒު، ރ. މީދޫ ޞިއްޙީ މަރުކަޒު އަދި ރ. ރަސްގަތީމް ޞިއްޙީ މަރުކަޒުންނެވެ.