ޗައިނާގެ ވުހާން ޕްރޮވިންސުން ފެނިފައިވާ ކޮރޮނާވައިރަހުގެ ނުރައްކާ ބޮޑުކަމަށާއި އެވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ބަލިތަކާ ބެހޭ ތަޖުރިބާކާރުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ނޮވެލް ކޮރޮނާ ވައިރަސް އުފެދުނީ ވުހާން ޕްރޮވިންސްގެ މާރުކޭޓަކުންނެވެ. ބެލެވޭ ގޮތުގައި ނުރައްކާތެރި ވައިރަހެއް އުފެދުނީ އެމާރުކޭޓުގައި ވިއްކަން ގެންގުޅުނު ޖަނަވާރުތަކަކުންނެވެ.
މިވައިރަހުގެ އަސަރު މިހާތަނަށް ހަތްސަތޭކައެއްހާ މީހުންނަށްކޮށް، އޭގެ ތެރެއިން އަށާރަ މީހުންވަނީ މަރުވެފައެވެ. ގަދައަށް ހުންއައިސް، ކެއްސުމާ ނޭވާލާ ނިޒާމަށް ކުރިމަތިވާ އެހެން މައްސަލަތަކާއެކު ފެތުރެމުންދާ މިވައިރަސް މިހާރު އެހެން ޤައުމުތަކުންވެސްވަނީ ފެނިފައެވެ. އެގޮތުން، ޖަޕާން، ދެކުނު ކޮރެއާ، ޓައިވާން، ވިއެޓްނާމް، ސިންގަޕޫރް، ތައިލެންޑްގެ އިތުރުން އެމެރިކާއިންވެސް މިވައިރެސް ޖެހިފައިވާ މީހުންވަނީ ފެނިފައެވެ. މިވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެފައިވަނީ މިއީ އަލަށް ފެތުރެން ފެށި ވައިރަހަކަށްވުމުގެ އިތުރުން މިވައިރަހާއި ގުޅޭ މާގިނަ މަޢުލޫމާތެއް ނޭނގޭތީއެވެ.
ބަލިތަކާ ބެހޭ ތަޖުރިބާކާރުން ބުނެފައިވަނީ މިވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ގިނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ. ތަޖުރިބާކާރުން ބުނެފައިވަނީ 2003ވަނަ އަހަރު ފުރަތަމަ ފެނުނު ސާރސް ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ޢަދަދަށްވުރެ ވޫހާން ވައިރަސްގެ އަސަރުކޮށްގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށެވެ. ވުހާން ވައިރަހުން ސަލާމަތްވުމަށް ވެކްސިނެއް އުފެއްދުމަށްވެސް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުވާނެއެވެ. ނަމަވެސް އެކަމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ބަލިތަކާ ބެހޭ ތަޖުރިބާކާރުން ބުނެފައިވަނީ ވުހާން ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފު ހައްޤުކަމަށެވެ. އެގޮތުން، ޗައިނާއިންވަނީ އެވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ޕްރޮވިންސުން އެހެން ސަރަޙައްދަކަށް އެއްވެސް މީހަކަށް ނުދެވޭނެގޮތަށް ފިޔަވަޅުތަކެއް އަޅައިފައެވެ.
ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިންވެސްވަނީ ތަޢުރީފުކޮށްފައެވެ. އެޖަމްޢިއްޔާއިން ބުނެފައިވަނީ ވުހާން ވައިރަސް ފެތުރެމުންދާ މައްސަލައަކީ ބައިނަލްއަޤުވާމީ ސިއްޙީ ކާރިޘާއެއްކަމަށް ނިންމަން އަދި އަވަސްކަމަށެވެ.