ދީން

މައުމޫން ފައުންޑޭޝަންގެ އިހްޔާ ފޯރަމް


މައުމޫން ފައުންޑޭޝަންގެ  ފަރާތުން ރޭ ބޭއްވި އިހްޔާ ފޯރަމް ޚާއްސަ ކުރެވުނީ "ލައިލަތިލް ޤަދްރި ވިލޭރޭގެ މާތްކަމުގެ މައްޗަށެވެ." އިހްޔާ ފޯރަމްގައި މި މައުޟޫއަށް ވާހަކަފުޅު ދެއްކެވީ ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް، ފަޟީލަތުލް އުސްތާޛުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމެވެ.  

ލައިލަތުލް ޤަދްރި ވިލޭރޭގެ މާތް ކަމުގެ މައްޗަށް ބައްލަވާލައްވަމުން، މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ލައިލަތުލް ޤަދްރިވިލޭރޭ ހާސިލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމާއެކު، ސުންނަތް ނަމާދުތައް ކުރުން އިތުރު ކުރުންކަމަށެވެ. އެގޮތުން ކުރެވިދާނެ ސުންނަތް ނަމާދުތަކުގެ ތަފްސީލްތައް އެމަނިކުފާނު ވިދާޅުވެދެއްވިއެވެ. 

"ސުންނަތް ނަމާދު ކުރުން އިތުރުކުރަން ޖެހޭ. ތަރާވީޙް ނަމާދު ކުރަންޖެހޭ. ދަމު ނަމާދު ކުރަންޖެހޭ. ވިތުރި ކުރަންޖެހޭ." މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ. 

ކީރިތި ޤުރުއާންގައިވާ، ލައިލަތުލް ގަދްރި ވިލޭރެއާ ބެހޭ ވާހަކަތައް ތަފްސީލްކޮށްދެއްވުމުގެ އިތުރުން އެރެއާ ބެހޭގޮތުން ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުތަކުގެ މައްޗަށްވެސް މުހައްމަދު ރަޝީދު އިބްރާހިމް އަލިއަޅުއްވާލެއްވިއެވެ.  

އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، އައްޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރު ވަނީ، ފަސް ރުކުން އަދާ ކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ޒަކާތާއި ގުޅިގެން އަންނަ ސަދަގާތް ދިނުމުގެ މައްޗަށް ބައްލަވާލައްވަމުން، ރަމަޟާން މަހު ސަދަގާތް ދޭ މިންވަރު އިތުރުކުރުމަށް ގޮވާލެއްވިއެވެ. ޚާއްސަކޮށް މުއްސަނދިން އެމީހުންގެ މުދަލުން ހޭދަކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. 

ރޭ ބާއްވާފައިވަނީ މައުމޫން ފައުންޑޭޝަންގެ މިއަހަރުގެ  ފަހު އިހްޔާ ފޯރަމެވެ. ނަމަވެސް މި ފޯރަމްގައި އެ ފައުންޑޭޝަންގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން އޮމާންގައެވެ.