ތަޢުލީމު

މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި


މައުމޫން ފައުންޑޭޝަންގެ ފަރާތުން 28 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.7 ދާއިރާއަކުން ހުޅުވާލާފައިވާ މި 28 ސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.މައުމޫން ފައުންޑޭޝަންގެ ފަރާތުން އިންޑިޔާގެ، ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖްގައި ބެޗްލަރސް ޑިގްރީ ޙާސިލްކުރުމަށް ހުޅުވާލާފައިވާ ކޯސްތަތަކަކީ، ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް ކޮމާރސް، ބީއޭ ޓޫރިޒަމް ހިސްޓްރީ ޖަރނަލިޒަމް، ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބީއޭ ޖާރނަލިޒަމް ސައިކޮލޮޖީ އިންގްލިޝް، ބީއެސްސީ ފެޝަން އެންޑް އެޕަރަލް ޑިޒައިން އަދި ބީއެސްސީ ބަޔޯޓެކްނޮލޮޖީ ބަޔޯކެމިސްޓްރީ ޖެނެޓިކްސް ކޯހެވެ. ތިން އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއިން ކޮންމެ ކޯހަކަށް ހަތަރު ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މައުމޫން ފައުންޑޭޝަންގެ ހިންގާ ކޮމެޓީގެ މެމްބަރު ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ޒުވާނުންނަށް މަތީތަޢުލީމުގެ އިތުރު ފުރުސަތުތައް ހޯދައިިދިނުމުގެގޮތުން ހުޅުވާލާފައިވާ ބައެއް ސްކޮލަރޝިޕްތަކަކީ ޕާޓް-ފަންޑަޑް ސްކޮލަރޝިޕްތަކެއްކަމަށެވެ. އަދި މީގެތެރެއިން ހަތް ސްކޮލަރޝިޕަކީ ފުލްފަންޑެޑް ސްކޮލަރޝިޕްތަކެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.''ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަޖެހޭ ޝަރުތުތަކުގެތެރޭގައި 28 އަހަރުން ދަށުގެ ޒުވާނަކަށްވާންޖެހޭ. ފައުންޑޭޝަންގެ މެމްބަރެއް ނުވަތަ މެމްބަރަކާ ސީދާ ޢާއިލީގޮތުން ގުޅިފައިވާ ފަރާތަކަށް ނުވުން ހިމެނޭ." ޔުމްނާ ވިދާޅުވިއެވެ.ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ، އިސްނެންގެވުމުގެ މަތިން ދެހާސްދިހަވަނަ އަހަރު އުފައްދާފައިވާ މައުމޫން ފައުންޑޭޝަނުން މިހާތަނަށް ވިހި ދަރިވަރަކު ވަނީ ކިޔެވުން ފުރިހަމަކޮށްފައެވެ. މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕްގައި ކިޔެވުން ފުރިހަމަކޮށް މަސައްކަތުގެ ދާއިރާއަށް ނިކުމެފައިވާ ދެދަރިވަރަކު ބުނީ މިއީ ދިވެހި ޒުވާނުންނަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުސަތެއްކަމަށެވެ. މިކޯސްތަކަށް ހުށައަޅާ އެޕްލިކޭޝަންތައް އެފައުންޑޭޝަންގެ ތަޢުލީމީ ބޯޑުން މުރާޖަޢާކުރުމަށްފަހު، ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ ވިހި ވަނަ ދުވަހު އިޢުލާންކުރެވޭނެކަމަށް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ.