ޚަބަރު

ކައުންސިލް އިންތިޚާބަށް ޢަދާލަތުޕާޓީން ހދ.އަތޮޅަށް


ކައުންސިލް އިންތިޚާބްގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތް ޕާޓީން ހދ.އަތޮޅުގައި ކުރަމުންދާ ކެންޕެއިންގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގެންފިއެވެ.

ކައުންސިލް އިންތިޚާބަށް އަދާލަތް ޕާޓީން ހދ.އަތޮޅުގެ ކެމްޕެއިން ފެށުމުގެ ގޮތުން ޕާޓީގެ ލީޑރޝިޕްގެ ބޭފުޅުން މިއަދު ފުރަތަމަ ވަޑަިއގެންފައިވަނީ ހދ.ނެއްލައިދޫއަށެވެ. ނެއްލައިދުއަށް ވަޑައިގެން އެރަށުގެ ކައުންސިލަށް އަދާލަތް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް އެޕާޓީގެ ރައީސް އިމްރާނާއި ލީޑަރޝިޕްގެ ބޭފުޅުންވަނީ ދޮރުން ދޮރަންހިންގަވާފައެވެ.

މިދަތުރުގައި އަދާލަތް ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުން މިއަދު ހަވީރު ވަޑައިގެންފައިވަނީ ހދ.ވައިކަރަދުއަށެވެ. ވައިކަރަދުއަށް ވަޑައިގެންވުމުން އެރަށުން ވަނީ އަދާލަތްޕާޓީގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވަފައެވެ. ވައިކަރަދޫއަށް ވަޑައިގެން މިއަދު ހަވީރުވަނީ އެރަށުގެ ކައުންސިލަށް އަދާލަތުޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުނަށް ތާއީދު ހޯއްދެވުމުގެ ހަރަކާތްތަކެއް ހިންގާފައެވެ.

ކައުންސިލް އިންތިޚާބުގައި އަދާލަތުޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުހޯއްދެވުމުގެ މަސައްކަތް އެޕާޓީން ފަށާފައިވާއިރު މިއީ މިފަހަރުގެ ކައުންސިލް އިންތިޚާބްގެ ކެންޕެއިންގައި އެޕާޓީން އަތޮޅުތެރޭގެ ރަށްތަކަށް އެޕާޓީން ކުރި ފުރަތަމަ ދަތުރެވެ.

ކައުންސިލް އިންތިޚާބުގައާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 6 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. މިއިންތިޚާބްތަކުގައި ވާދަކުރުމަށް އެޕާޓީން ހުޅުވާލާފައިވާ ފުރުތު ބަންދުވާނީ މިމަހުގެ 26ވަނަ ދުވަހުއެވެ.