ޚަބަރު

ނާއިބު ރައީސް ދިއްގަރު ސިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައިފި


މ. ދިއްގަރު ސިއްޙީ މަރުކަޒުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ. ނާއިބު ރައީސް ދިއްގަރު ސިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވައިލެއްވީ 31 ވަނަ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް އެމަނިކުފާނު އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ސިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވައި، ހޮސްޕިޓަލުގެ މުއައްޒަފުންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، ސިއްޙީ މަރުކަޒުގެ މުޢައްޒަފުންވަނީ ރަށުގައި ބޭސް ފިހާރައިން ބޭސް ލިބުމުގައި ހުރި ދަތިތައް ފާހަގަކޮށްފައެވެ. ނާއިބް ރައީސް ވަނީ މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ނާއިބް ރައީސް ވަނީ އެރަށުގައި މީސްލްސް ވެކްސިން ޖަހާފައިވާ މިންވަރުވެސް އޮޅުންފިލުއްވާފައެވެ. މި ބަދަލުވުމުގައި ސިއްޙީ މަރުކަޒުގެ މުޢައްޒަފުން ވަނީ ރަށުގެ ހުރިހާ ފަރާތްތައް މީސްލްސް ވެކްސިންގެ ހުރިހާ ޑޯޒްތައް ފުރިހަމަކޮށްފައިވާކަން ހާމަކޮށްފައެވެ.

ފަނަރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މ. ދިއްގަރު ސިއްޙީ މަރުކަޒު ހިންގާތާ މިދިޔަ އަހަރު ވަނީ 15 އަހަރު ފުރިފައެވެ. މި ހޮސްޕިޓަލުގައި ފުލްޓައިމް 2 ޑޮކްޓަރުން ތިއްބަވާކަމަށް އެރަށު ކައުންސިލުން މަޢުލޫމަތުދެއެވެ.