ޚަބަރު

މާލެ ސިޓީގެ ދާއިރާތައް ބެހިގޮތާމެދު ފުވާދު ތައުފީޤުގެ ޚިޔާލު ތަފާތު!


ކައުންސިލް އިންތިޚާބަށް މާލެސިޓީގެ ދާއިރާތައް ބަހާފައިވާގޮތާމެދު ކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީޤު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ލާމަރުކަޒީ ޤާނުނަށް ގެނައި ބަދަލުތަކާއެކު މާލޭގެ އިދާރީ ދާއިރާތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު ކުރިއަށްއޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އިލެކްޝަން ކޮމިޝަނުން މާލެސިޓީގެ ދާއިރާތައް ބަހާފައިވާގޮތާއިމެދު ބައެއް ބޭފުޅުންވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ މޭޔަރަކަށް ވޯޓް ދެއްވާނީ ސަޤާފީ ގޮތުން މާލޭގައި އޮންނަ އަވަށްތައް ހިމާޔަތްކޮށްދެއްވަން މަސައްކަތްކުރާ ބޭފުޅަކަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ދާއިރާތައް ބަހާފައިވާގޮތުން އޭނާވެސް މިހާރު ހެންވޭރާއި ގަލޮޅަށް ނިސްބަތްވެފައިވާކަމަށްބުނެ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މި ޓްވީޓާގުޅިގެން ކޮމިޝަންގެ މެމްބަރު ފުވާދު ތައުފީޤު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މާލޭގެ ދާއިރާތައް ބެހުމާމެދު އޭނާވެސް އެންމެ ހިތްހަމަ ޖެހިވަޑައިނުގަންނަވާކަމަށެވެ. އޭނާވެސް ނިސްބަތްވަނީ ގަލޮޅަށް ކަމުގައި ވީނަމަވެސް ދާއިރާތައް ބެހުމުގައި ގަލޮޅާއި މައްޗަން ގޮޅިއަށްވެސް އޭނާ ނިސްބަތްވާކަމަށް ފުއާދުވަނީ ފާހަގަކުރައްވާފައެވެ.

ފުވާދުގެ މިޓްވީޓާގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުންވަނީ ޓުވީޓެއްކުރައްވާފައެވެ. މިޓުވީޓްގައި ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބަށް މާލެސިޓީގެ އިދާރީ ދާއިރާތައް ބެހުމުގައި އިލެކްޝަން ކޮމިޝަނަށް ވަރަށްބޮޑު ގޮންޖެހުމެއް ކުރިމަތިވިކަމަށެވެ. އިދާރީ ދާއިރާތައް ކަނޑައެޅުމުގައި މާލޭގެ 6 އަވަށަށް ނިސްބަތްވާ 15 މަޖިލިސް މެމްބަރުންނާއި އަދި ޤައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންނާއިވެސް މަޝްވަރާކޮށްފައިވާކަމަށް އިލެކްޝަނުން ކުރި ޓްވީޓްގައި ވިދާޅުވެފައިވެވެ. އަދި ދާއިރާތައް ކަނޑައަޅާފައިވަނީ ކޮމިޝަންގެ 5 މެމްބަރުންގެ ވޯޓާއެކު ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމިޝަންގެ ނިންމުމާއިމެދު ފުވާދު ކަންބޮޑުވުން ފާޅުކުރެއްވުމުން ކޮމިޝަންގެ ނައިބް ރައީސްވަނީ ނުސީދާ ގޮތަކަށް ފުވާދަށް ރައްދު ދެއްވާފައެވެ. ކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭސިޓީގެ ދާއިރާތައް ކަނޑައަޅާފައިވަނީ މާލެސިޓީއަށް ނިސްބަތްވާ މެމްބަރުންނާއި، ސިޔާސީ ޕާޓީތަކާއެކު ކުރި މަޝްވަރާތަކަށް ފަހުކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރާއިރު، މިހާރު މާލެސިޓީގައި ތިއްބަވަނީ 13 ކައުންސިލަރުންނެވެ.