ޚަބަރު

ޅެންވެރިންގެ ދުވަހުގެ ޙަރަކާތްތައް ނާއިބު ރައީސް ރަސްމީކޮށް ފައްޓަވައިދެއްވައިފި


31 ވަނަ ޅެންވެރިންގެ ދުވަހުގެ ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް މ. ދިއްގަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި ދިވެހި ޅެންވެރިންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނާއިބު ރައީސް ވަނީ ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ދިއްގަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޅެންވެރިކަމުގެ "ގުންޒަރު" ހަރަކާތް ބައްލަވާލައްވާފައެވެ.

"ގުންޒަރު" ހަރަކާތުގައި ދިއްގަރުގެ އެކި އުމުރުގެ ފަރާތްތައް ވަނީ ދިވެހި ޅެންވެރިކަމުގެ ކުޅަދާނަ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. މި ޙަރަކާތުގައި ވަނީ ޅެންވެރިކަމުގެ ދުވަހާ ގުޅުވައިގެން ކުރިއައްގެންދިއަ ޅެން ކޯސްތަކުގެ ބައިވެރިންނަށް ހަނދާނީ ލިޔުންވެސް ދީފައެވެ.

31 ވަނަ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކޮށްފައިވަނީ ދިވެހި ބަހާއި އަދަބަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މ. ދިއްގަރަށް އުފަން ޢަބްދުއް ރަޝީދު ޙުސައިންއަށެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނާއިބް ރައީސްގެ އިތުރުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީގެ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ޅެންވެރީންގެ ދުވަހަކީ 1988 ވަނަ އަހަރު އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި ދުވަސް ހަނދާނަށް ގެނައުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި، ދިވެހި ޅެންވެރިކަމަށް ދިވެހިން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކުރުމުވެ. ދިވެހި ޅެންވެރީންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 15 ޖަނަވަރީ 1989 ގައެވެ.