ޚަބަރު

ކައުންސިލް ކެންޕެއިންގައި ޕީޕީއެމްއިން ހއ.އަށް


ކައުންސިލް އިންތިޚާބާއި ދިމާކޮށް އިދިކޮޅު ޕީޕީއެމްއިން އަތޮޅުތަކަށް ކުރަމުންދާ ސިލްސިލާ ކެންޕެއިން ދަތުރުތަކުގެ ތެރެއިން ހަފްތާ ބަންދުގައި ހއ.އަތޮޅުގެ ރަށްތަކަށް އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެންފިއެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކަށް ތާޢީދުހޯދުމަށް އެޕާޓީގެ ލީޑަރޝިޕް ބޭފުޅުން ކުރަމުންދާ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން ހއ.ގެ ރަށްތަކަށް ކުރަމުންދާ ކެންޕެއިން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާޢެވެ. މިދަތުރުގައި ހއ.ގެ ހުރިހާ ރަށަކަށް ދަތުރުކޮށް ކެންޕެއިން ހަރަކާތްތައް ހިންގުމަށް އެޕާޓީންވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިންގައި ނިމިދިޔަ ހަފްތާގެ ތެރޭގައި އެޕާޓީންވަނީ ވ.އަތޮޅާއި، ލ.އަތޮޅުގައިވެސް ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ކުރިއަށްގެންދާއިރު އެޕާޓީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބްގައި ކުރިމަތިލާ ފަރާތްތަކަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީހަކީ މިއަދެވެ.

ކައުންސިލް އިންތިޚާބުގައި އެއްވެސް ޕާޓީއަކާއި ކޯލިޝަން ނަހަދައި ވަކިން ވާދަކުރުމަށް ނިންމާފައިވާ ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. ޕީޕީއެމްއިން ވަނީ އެޕާޓީގެ ޓިކެޓަށް ވާދަކުރާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު 3 ފަހަރެއްގެ މަތީން އިތުރުކޮށްފައެވެ.
ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ކުރިއަށްގެންދާއިރު އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ޕީޕީއެމްގެ ކެންޕެއިން ހަރަކާތްތަކުގައިވެސް އެޕާޓީން ދަނީ އެޕަޓީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަނެއްގއިވެސް ސޮއިކުރަމުންނެވެ.