ޚަބަރު

އެމްޑީޕީން، މުޅިރާއްޖޭގައި ކެންޕެއިން ކުރުމުގެ ޚާއްސަ ޙަރަކާތެއް!


ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މުޅި ރާއްޖޭގައި ކެންޕެއިން ކުރުމުގެ ޚާއްސަ ޙަރަކާތެއް ފަށައިފިއެވެ.

އެމްޑީޕީން މުޅި ރާއްޖެއަށް ފެތުރި ކައުންސިލް ކެންޕެއިން ކުރުމުގެ ނަމުގައި ފަށާފައިވާ މި ކެންޕެއިން ޙަރަކާތްތަކުގައި އެޕާޓީގެ ލީޑާރޝިޕް ގިނަ ބޭފުޅުންދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މިކެންޕެއިން ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތައް މިއަދު ހަވީރުން ފެށިގެން އައްޑޫސިޓީގައި ފެށިގެންދާނެކަމަށް އެޕާޓީންބުނެއެވެ. މިޙަރަކާތްތަކުގައި އައްޑޫސިޓީއަށް ނިސްބަތްވާ އެޕާޓީގެ މަޖިލިސް މެމްބަރުންވެސް ވަނީ މިއަދު އައްޑޫއަށް ވަޑައިގެންފައެވެ.

ހަފްތާބަންދާ ދިމާކޮށް މުޅި ރާއްޖޭގައި އެމްޑީޕީން ހިންގާ ހަރަކާތްތަކުގައި ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުންނާއި، ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންދަނީ ބައިވެރިވުމުންނެވެ. އެމްޑީޕީން ކުރިއަށްގެންދާ މިޙަރަކާތްތަކަކީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި އެމްޑީޕީގެ މެމްބަރުން އިންތިޚާބުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމަށް އެޕާޓީން ހިންގާ ޙަކަކާތެއް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ. ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މާދަމާ ޚާއްސަ ކެންޕެއިން ވޯކްޝޮޕެއް ބޭއްވުމަށްވެސް އެޕާޓީން ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިން އެމްޑީޕީން ކުރަމުންދާއިރު އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިކާބުގައި ވާދަކުރާ ކެންޑިޑޭޓުންދަނީ މިމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޕްރައިމަރީއަށް ކެންޕެއިން ކުރަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި 1300އަށްވުރެ ގިނަ ކެންޑިޑޭން ވާދަކުރާނެކަމަށް އެޕާޓީން ބުނެއެވެ. އެމްޑީޕީން ޢާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ވާގޮތުން ނުވަދިހަ ތިން ހާސް އެއް ސަތޭކަ ތިރީސް ނުވަ ބޭފުޅަކަށް ވޯޓްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.