ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ބައްޕައަކަށް ފަރުވާދީ ފުލުހުންނާއި ހަވާލުކުރުމުން ޢާއްމުންގެ ބަޔަކު ރުޅިއައިސް ވިލިމާލޭ ހޮސްޕިޓަލަށް ގެއްލުން ދީފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާވަނީ އޭނާގެ ދަރިފުޅަށް އެކިފަހަރުމަތިން ޖިންސީ ފުރައްސާރަކޮށް އެވާހަކަތައް މީހަކަށް ކިޔައިދީފިނަމަ ޢާއިލާގެ މެންމްބަރުން މަރާލާނެކަމުގެ އިންޒާރުދީފައިކަމަށް ވެއެވެ. މިތުހުމަތުގައި ރޭގެ ވަގުތެއްގައި އެމީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ފުލުހުންނާ ހަވާލުކޮށްފައިވަނީ ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެހޮސްޕިޓަލުންނެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމައްސަލަގައި ޢާއްމުންގެ ބަޔަކު އޭނާއަށް އަނިޔާކުރުމުންކަމަށް މަޢުލޫމާތު ލިބެއެވެ. ސޯޝަލް މީޑިއާގައި އެފިރިހެންމީހާ ބިންމައްޗަށް ވައްޓާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ޢާއްމުވެފައެވެ. މީގެ އިތުރުން މިފިރިހެން މީހާ އަނިޔާކުރި އޭނާގެ ދަރިފުޅުކަމަށް ބުނާ ކުއްޖަކު އަނިޔާކުރިކަމަށް ބުނާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ޢާއްމުކޮށްފައެވެ. މިވީޑިއޯގައި ކުއްޖާގެ މޫނު ފެންނަހެން ވީޑިއޯ ޢާއްމުކުރުމާ ގުޅިގެން ޢާއްމުންގެ ކަންބޮޑުވުން އޮތްއިރު މިފަދަ ކަންކަމާއި ގުޅުންހުރި ކުޑަކުދިންގެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ނުލުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
މިމައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލަށްވަނި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ދޮރުތަކުގެ ބިއްލޫރިގަނޑުތައްވަނީ ތަޅާލާފައެވެ. މިމައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސް ހިންގަމުން އަންނަ އައިޖީއެމް ހޮސްޕިޓަލަށް ގުޅަން ކުރިމަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަދި މިމަސައްލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ޖިންސީ ފުރައްސާރައާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން އަންނައިރު އެއްވެސް ޙާލަތެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށްވެސް ފުލުހުން އަންނަނީ ނަސޭޙަތްތެރިވަމުންނެވެ. ޖިންސީ ފުރައްސާރާއިގެ ޝިކާރައާއި ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުން އިތުރުވެގެން ގޮސްފައިމިވަނީ ގއ.ކަނޑުހުޅުދޫ 2 އަހަރު ނުވާ ކުޑަ ކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ފެންމަތިވި ހިސާބުންނެވެ. އެމައްސަލައާއި އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލަމުން އަންނައިރު މިފަދަ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.