ވިޔަފާރި

ކޮކޯ ބޮޑު ހިތި ރިސޯޓްގައި ފްލޯޓިން ޔޯގާ ސްޓޫޑިއޯއެއް ހުޅުވަނީ


ކޮކޯ ބޮޑު ހިތި ރިޒޯޓުގައި ފްލޯޓިން ޔޯގާ ސްޓޫޑިއޯއެއް މިއަންނަ މާރޗްމަހު ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. މިފްލޯޓިން ސްޓޫޑިއޯއަކީ ޗައިނާގެ ބެއިޖިންގައި ހުންނަ އެކުއަރއެކްސް އެކަޓަމީއާއި ގުޅިގެން ހުޅުވާ ސްޓޫޑިއޯއެކެވެ.

ރާއްޖޭގެ ރިސޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދެމުންދާ ރިސޯޓުތަކެކެވެ. މިގޮތުން ކަނޑުއަޑީގެ ސްޕާތަކާ، ރެސްޓޯރަންޓުތައް އަދި ކޮޓަރިތައްވެސް ރާއްޖޭގެ ރިސޯޓުތަކުގައި ދަނީ ހުޅުވާ، ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. މޫދު ކޮޓަރިތަކާއި، މޫދު މަތީ ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓުތައް ރާއްޖޭގެ ރިސޯޓުތަކުގައި މަދެއްނޫނެވެ. އަނެއްކާވެސް ރާއްޖޭގެ ރިސޯޓަކުން މިއުޅޭނީ ތަފާތު ހިދުމަތެއް ފޯރުކޮށްދޭށެވެ.

ކޮކޯ ބޮޑު ހިތި ރިޒޯޓުން މިވަނީ ޗައިނާގެ އެކުއަރއެކްސް އެކަޓަމީއާއި ގުޅިގެން ރާއްޖޭގައި ހުޅުވާ ފުރަތަމަ ފްލޯޓިން ޔޯގާ ސްޓޫޑިއޯ ހުޅުވާނެކަމަށް އިއުލާންކޮށްފައެވެ. ކުޅިވަރުކުޅޭ ފަރާތްތަކަށް ހާއްސަ އަންނައުނާއި އެހެނިހެން ތަކެތި އުފައްދާ ލޫލޫލެމޮންގެ ޗައިނާ އެންބެޒެޑަރ ކުއިނީ ޝިއާރޯ އިސްނަގައިގެން އުފައްދާފައިވާ އެކުއަރއެކްސް އެކަޑަމީގެ ފަރާތުން ބޮޑުހިތި ރިޒޯޓުގެ ފަތުރުވެރިންނަށް ކަނޑުމަތީގައި ޔޯގާ އަދި ޕެޓަލް ބޯޑިން ކްލާސްތައް ނަގާދޭން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މާޗުމަހުން ފެށިގެނެވެ.

ފްލޯޓިން ޔޯގާ، ނުވަތަ ޕެޑަލްބޯޑު މަތީގައި ޔޯގާގެ އެކްސަސައިޒްތައް ކުރުމަކީ މިހާރު ފިޓްނަސްގެ ދާއިރާގައި އާންމުންގެ މެދުގައި މަޤުބޫލުކަން ހޯދަމުންނެވެ. އާދައިގެ ޔޯގާއެކޭ އެއްގޮތަށް ފްލޯޓިން ޔޯގާގައިވެސް ކަސްރަތުކުރާ ފަރާތުން ދަސްކުރަން ޖެހޭނީ މޫދުމަތީގައި ޕެޑަލް ބޯޑެއްގައި ޔޯގާގެ އުކުޅުތައް ފަރިތަކުރާށެވެ. މިއީ އާދައިގެ ޔޯގާއަށްވުރެވެސް މީހާގެ ބެލެންސްކުރުމުގެ ހުނަރު ހަރުދަނާކޮށް، ހަށިގަޑަށް ފައިދާ ކުރުވާ އެކްސަސައިޒެއްގެ ގޮތުގައި މިވަނީ ފާހަހަކުރެވިފައެވެ.

ކޮކޯ ބޮޑު ހިތި ރިސޯޓުން ބުނީ އެކުއާރއެކްސް އެކަޑަމީއާއި ގުޅިގެން ރާއްޖެއަށް އަލަށް ތައަރަފްކުރަން މިއުޅޭ ފްލޯޓިން ޔޯގާ ވެގެންދާނީ ގިނަ ފަތުރުވެރިންތަކެއް އެކަމަކަށް ޝައުޤުވެރިވާނެކަމެއް ކަމަށެވެ.
މިޔޯގާ ސްޓޫޑިއޯގެ ކްލާސްތައް އާދައިގެ މަތިން މާރޗްމަހުން ފެށިގެން ގެސްޓުންނަށް ކޮކޯ ބޮޑު ހިތި ރިޒޯޓުން ލިބޭނެއެވެ. މިސްޓޫޑިއޯގެ ހިދުމަތްތައް ލޯންޗުކުރުމަށްފަހު މާރޗް މަހު 15-17 އަށް ހާއްސަ ކްލާސްތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.