ކުޅިވަރު

މާނޭ އަށް އަނިޔާވެ ކްލޮޕް ހިތްހަމަނުޖެހިއްޖެ


ފޯވަޑް ސާދިއޯ މާނޭ އަށް އަނިޔާވެ ލިވަޕޫލްގެ ކޯޗު ޔާގްނެ ކްލޮޕް އަނެއްކާވެސް ޝެޑިއުލާމެދު ހިތްހަމަނުޖެހިއްޖެ އެވެ.

މާނޭ އަށް އަނިޔާވީ ރޭ ވުލްވުސް އަތުން ލިވަޕޫލް 2-1އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ އެވެ.

"އޭނާގެ އަނިޔާގެ ކުޑަބޮޑުމިނެއް އަދި ނޭނގެ. އަހަރުމެން ޖެހޭނީ އެސެސްކުރަން. ހަފުތާއެއްގައި ތިން މެޗު ކުޅެން އެބަޖެހޭ. މިއީ ވަރަށް ބޮޑުވަރު. މިއީއޭގެ ނަތީޖާ. ކުޅުންތެރިންނަކީ ވެސް އިންސާނުން. އަހަރެން މިވާހަކަ ވަރަށް ގިނައިން ދައްކައިފިން. އެކަމަކު ނަތީޖާއެއްނުފެނޭ،" ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިވާވެފައިވާކަން ފާހަގަ ކުރަމުން ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ޕްރެމިއާ ލީގު ކާމިޔާބުކުރަން ކުރާ މަސައްކަތުގައި 17 ޕޮއިންޓެއްގެ ލީޑެއް ލިބުނު ނަމަވެސް އެކަމާ ފަރުވާލެއްނެތް ކަމަށާއި ޕޮއިންޓް ޓޭބަލަށް އޭނާ ނުބަލާ ކަމަށެވެ.

"އަހަރުމެން މެޗަކަށްފަހު މެޗެއް ކާމިޔާބުކުރަން ވިސްނަނީ. ޕޮއިންޓް ޓޭބަލުގައި އޮތް ހިސާބެއް އަހަރެން ނުބަލަން. މި މެޗަށް ނުކުތްއިރު މިއީ އުނދަގޫ މެޗަކަށްވާނެކަން ކުރިންވެސް އެނގޭ. އެކަމަކު އަހަރުމެންނަށް ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު އެމީހުން އެއްވަރުކޮށް މެޗު އުނދަގޫވެފައިވަނިކޮށް ރީތި ގޯލެއް ފިރްމީނޯ ޖެހީ،" ކްލޮޕް ބުންޏެވެ.

މި މެޗުން މޮޅުވުމުން ލިވަޕޫލް އެއްވަނާގައިވަނީ 67 ޕޮއިންޓާއެކުގަ އެވެ. ދެވަނާގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 51 ޕޮއިންޓާއެކުގަ އެވެ. ވުލްވުސް އޮތީ 34 ޕޮއިންޓާއެކު ހަތްވަނާގަ އެވެ.