ސިއްހަތު

މަދިރި ކޮންޓްރޯލް ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފަ


ރާއްޖޭގައި މިހާރު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލްވުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.ޑެންގީ ހުމާ ގުޅޭ މައުލޫމާތު ދިނުމަށްޓަކާ މިއަދު ހެލްތު މިނިސްޓްރީގައި ކުރިޔަށްގެންދިޔަ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކާ މިހާރު ކުރާގޮތަށް ކުރިޔަށް އޮތް ދެތިން ހަފްތާތެރޭގައި މަސައްކަތްކޮށްގެން ނޫނީ އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށެވެ.މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިޔަށްގެންދަން ޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ކަންތައްތައް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި މާލޭގައި ތިއްބަވާ ޑޮކްޓަރުންނަށް މި ބައްޔަށް ފަރުވާ ކުރުމާއި ގުޅޭ މައުލޫމާތު ދީފައިވާކަމަށެވެ. އަދި ޑެންގީއަށް ފަރުވާ ކުރުމަށްޓަކައި ބޭނުންވާތަކެތި ނެތް ތަންތަން ބަލައި އެފަދަ ތަންތަނަށް އެތަކެތި ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.މީގެ އިތުރުން ޑެންގީއަށް ފަރުވާކުރުމަށްޓަކައި ޑޮކްޓަރުން ތަމްރީން ކުރުމަށް ދާއިމީ ހައްލެއް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ގިނަމަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.އެގޮތުން މަދިރި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފޮގް މެޝިނާއި ކެމިކަލް ފަދަ ތަކެތި މިވަގުތު ކޮންމެހެން ބޭނުންވާ ތަންތަނަށް ފޯރުކޮށްދީފައިވާނެ ކަމަށާއި އިތުރަށް ލިބެމުންދާވަރަކުން އެހެން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އަދި ޑެންގީހުމުން ރައްކާތެރިވުމަށްޓަކައި މިހާރު ވެސް ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށްވެސް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 669 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ. އަދި މިބަލީގައި 4 މީހަކު ވަނީ މަރުވެފައެވެ.މިމަހުގެ ތެރޭގައި ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކުރި ރަށްތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެއާއި ބ ތުޅާދޫއާއި ޏ ފުވައްމުލަކުގެ އިތުރުން އދ.މާމިގިލި ހިމެނެއެވެ.