ޚަބަރު

ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކޯޓުތަކަށް އަންގައިފި


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ލަސްވެގެން 6 މަސްދުވަހުގެ ތެރޭގައި ބަލައި ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖޭގެ ކޯޓުތަކަށް އަންގަވައިފިއެވެ.

މިގޮތަށް އަންގާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ބޮލޮކް ޓެރެއިލް ނިޒާމެއްގެ ތެރެއިން އަވަސްކަމާއެކު ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކައި އިދާރާތަކަށް ފޮނުވި ސަރކިއުލާއެއްގައެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި ގުޅޭ މައްސލަތައް އަވަސްކުރުމަށް ބޮލޮކް ޓެރެއިލް ނިޒާމެއްޤާއިމްކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިމާފައިވަނީ ޝަރުޢީ ކޯޓުތަކުގެ އިސް ފަނޑިއާޔާރުންނާއި ކޯޓުތަކުގެ އިސް ފަރާތްތަކުގެ ރުހުމާއެކުގައެވެ. ބްލޮކް ޓްރައިލްސް ގެ ނިޒާމުގެ ތެރެއިން މައްސަލަތައް ބަލައި ގޮތް ކަނޑައެޅުމަކީ، މައްސަލައެއް ކޯޓަށް ހުށަހެޅޭ ހިސާބުން ފެށިގެން، އެ މައްސަލައެއް ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅުމަށް ޓަކައި ޢަމަލުކުރަންޖެހޭ އިޖުރާއާތުގައި ހިމެނޭ އެންމެ ކުރު މުއްދަތުގެ ތެރޭގައި މައްސަލަ ބަލައި، ދެ ޝަރީޢަތުގެ ދެމެދުގައި ދެވެން އޮތް އެންމެ ކުރުމުއްދަތުގެ ތެރޭގައި މައްސަލަ ތާވަލުކޮށް، މައްސަލަ ހިންގައި، ތުހުމަތުކުރެވުނު ފަރާތަށާއި އަނިޔާ ލިބުނު ފަރާތަށް ލިބިދޭންޖެހޭ އިންޞާފު އޭގެ އަވަސްކަމާއި ހަލުވިކަމާއެކު ފޯރުކޮށްދެވޭނެ ގޮތަކަށް ޝަރީޢަތްތައް ހިންގުންކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.