ޚަބަރު

އޭޕްރިލް މަހުގެ ނިޔަަލަށް 25 ރަށެއްގައި ވާރޭފެން ރައްކާކުރާ ނިޒާމު ޤާއިމްކުރަނީ


މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަަލަށް 25 ރަށެއްގައި ވާރެފެން ރައްކާކުރާ ނިޒާމު ބެހެއްޓުމުގެ މަސައްކަތް ނިމޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

މިިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަމެންޓް އަޙުމަދު މުޖުތަބާ މިހެން ވިދާޅުވީ ރާއްޖޭގެ 6 ރަށުގައި ބެހެއްޓުމަށް ބޭނުންވާ މޫސުން ދެނެގަންނަ އޮޓަމެޓިކް ވެދަރ ސްޓޭޝަން ޔުނިޓްތައް ރާއްޖެ ގެނައުމަށް އިޓަލީގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މޫސުން ދެނެގަންނަ އޮޓަމެޓިލް ވެދަރ ސްޓޭޝަން ޔުނިޓްތަކުގެ ސަބަބުން މޫސުން ލަފާކުރުމަށް މަގުފަހިވުމާއި، ރާއްޖޭގެ ވެދަރ ސްޓޭޝަން ޔުނިޓްތަކުގެ ދޭތެރެގައިވާ ދުރުމިނުމުގެ ސަބަބުން ކުރިމަތިވާ ޑޭޓަރ ގެޕް ކުޑަ ކުރެވޭނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ގްރީން ކްލައިމްޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫޢޫގެ މަސައްކަތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ކުރިމަތިވާ ފެނުގެ ދަތިކަން ހައްލުކުރުމަށް އެކަށީގެންވާ އެހީއެއް ލިބިގެންދާނެކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި އެކި ރަށްތަކުގައި މިހާރުވެސް މީގެ 34 އޮޓަމެޓިކް ވެދަރ ސްޓޭޝަން ޔުނިޓް ބަހައްޓައި ބޭނުންކުރަމުން ގެންދެއެވެ.

އިޓަލީގެ ސީއޭއީއެސްޕީ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖުތަބާވަނީ ޔޫއެންޑީޕީގެ ފަރާތުން ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް ހައްލު ހޯދުމަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ޔޫއެންޑީޕީގެ ފްރީން ކްލައިމެޓް ފަންޑުން މިހާރުވެސް ވަނީ 4 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމު ޤާއިމުކުރުމާއި، އަދި 25 ރަށުގައި ވާރޭފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް އެހީދީފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ވެދަރ ސިސްޓަމްގެ ސަބަބުން ވާރޭ ވެހޭ ދުވަސްވަރު ދެނެގަނެވި، ފެނަށް ޖެހޭ ޖެހުން ޙައްލުކުރުމަށްވެސް އެހީއަކަށް ވެގެންދާނެކަމަށެވެ.

"މިހާރުވެސްދަނީ 25ރަށުގައި ވާރޭފެން ރައްކާކުރާ ނިޒާމު ހަދަމުން. އޭޕްރިލްއަށް މި މަސައްކަތް ނިންމާލެވޭނެ. މިފަދަ އާ ކަންކަން އަންނައިރު މި ކަންކަން ބެލެހެއްޓޭނި މީހުން ބިނާކުރުމަށްވެސް މިނިސްޓްރީއިން އިސްކަންދީގެންދަނީ މަސައްކަތްކުރަމުން." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ވެދަރ ސްޓޭޝަން ބެހެއްޓުމަށް ބޭނުންވާ ޔުނިޓްތައް ގެނައުމަށް އިޓަލީގެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 247،000ރުފިޔާ އަށެވެ. އެ އެއްބަސްވުމުގެދަށުން މި ސިސްޓަމްތައް 4މަސް ދުވަހުގެ ތެރޭގައި ރާއްޖެގެންނަން ޖެހެއެވެ.