ސިއްހަތު

ޑެންގީ ހުމަށް ޑޮކްޓަރުން ތަމްރީންކުރަނީ


ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުން ޑެންގީ ހުމަށް އަހުލުވެރިކުރުވުމުގެ ގޮތުން، ޑޮކްޓަރުން ތަމްރީންކުރުމަށް ބޭނުންވާ މޮޑިއުލެއް ތައްޔާރުކޮށްދެއްވުމަށް ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާގެ އެހީއަށް އެދިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ހެލްތް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނުޒުލާ ރަފީޤް ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުން އަންނަ ޤައުމުތަކަކީ، ޑެންގީ އުޅޭ ޤައުމުތަކަކަށް ނުވާތީ އެ ޑޮކްޓަރުންނަށް ޑެންގީ އާއި ބެހޭ މައުލޫމާތު ދޭންޖެހޭކަމަށެވެ. އެހެންކަމުން  ޑޮކްޓަރުން ރާއްޖެ އަންނަ އިރު އޮންލައިންކޮށް ޑެންގީ އާއި ގުޅޭ މައުލޫމާތު ލިބިދެވޭނެގޮތަކަށް އެކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑރ.ނަޒުލާ ވިދާޅުވިއެވެ. އަދި ޑެންގީ ހުން ޓެސްޓްކުރުމަށް ބޭނުންވާ ޓެސްޓް ކިޓްވެސް ފޯރުކޮށް ދިނުމަށް ޑަބްލިޔު އެޗް އޯ ގައި އެދިފައިވާނެކަމަށްވެސް ނަޒުލާ ވިދާޅުވިއެވެ.މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަލިވުމުން ލަހުން ފަރުވާކުރުމާއި، ޓެސްޓްތައް ނެހެދުމުގެ ސަބަބުން މި ބަލީގައި ސީރިއަސްވާތަން ފެންނަމުންދާކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޑެންގީފަދަ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު އެކި ޤައުމުތަކުގެ ބަހުން ލިބޭނެ އިންތިޒާމް ހަމަޖައްސައި، މިހާރުވެސް އެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.