ވިޔަފާރި

ޖޮބްސެންޓަރ ހަރުދަނާކުރުމަށް ސޮފްޓްވެއަރ ތަރައްޤީކުރަނީ


ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ޖޮބްސެންޓަރ އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރި ވަޒީފާގެ ފުރުސަތުތައް ފަސޭހައިން ހޯދައިދިނުމަށްޓަކައި 'ޖޮބް ސެންޓަރ'ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހުއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ޖޮބް ސެންޓަރު ލޯންޗުކުރެވުމަށް ފަހު ފާއިތުވި ދުވަސްތަކުގެ ތެރޭގައި މި ވެބްސައިޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި ވެބްސައިޓް ފުޅާކޮށް އިތުރު ވިޔަފާރިތައް ވެބްސައިޓުގައި ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމްތަކުން މިދަނީ އެކި ވިޔަފާރިތަކާއި ބައްދަލުކޮށް ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުން. އޭގައި ވެސް ސޮފްޓްވެއަރގައި ވެސް ހުންނާނެ މައްސަލަ. މި މައްސަލަތައް ވެސް ހައްލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މިއީ އަސްލު ޓްރައިލް ޕީރިއަޑެއް." މިނިސްޓަރ ވިދާޅުވިއެވެ.

ޖޮބް ސެންޓަރުގައި މިހާތަނަށް 58 ވިޔަފާރިއަކުން ރަޖިސްޓްރީވެފައިވެއެވެ. މި ވިޔަފާރިތަކުން 98 ވަޒީފާ ވެބްސައިޓްގައި ލިސްޓުކޮށްފައިވާއިރު ވަޒީފާ ހޯދާ 232 ފަރާތަކުން ވެބްސައިޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ޖޮބް ސެންޓަރގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުން މަދުކަމަށެވެ. އެހެންނަމަވެސް މަޑުމަޑުން މި ވެބްސައިޓް ހަރުދަނާކޮށް ގިނަ ވިޔަފާރިތައް ބައިވެރިކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖޮބް ޕޯޓަލް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ވަކި ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. އެގޮތުން ބޭރުގެ މުވައްޒަފުން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދިނުމުގައި މި ޕޯޓަލްގައި ރަޖިސްޓްރީވެފައިވުން ލާޒިމްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ވަކި ހިސާބަކުން އަޅުގަނޑުމެން މަޖުބޫރުކުރާނަން ބޭރުގެ އެއްވެސް ފަރާތެއް ކޯޓާ ނުވަތަ ވިސާ ނެގުމުގެ ކުރިން ޖޮބްސެންޓަރުގައި ރަޖިސްޓްރީކުރުން. އެހިސާބުން ފެށިގެން ކޯޓާ ހުށަހަޅާ ފަރާތަކުން ހުށަހަޅަންޖެހޭނެ ޖޮބްސެންޓަރުގައި ރަޖިސްޓްރީވިކަން. މި ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ކަންތައް ވެސް ކުރާނަން." މިނިސްޓަރ ވިދާޅުވި

ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 300،000 މީހުންގެ ތެރެއިން ވަޒީފާ އަދާކުރާ މީހުންގެ ޢަދަދަކީ 160،000 އެވެ. ވަޒީފާ ނުހޯދާ 90،000 މީހުން ތިބިއިރު ވަޒީފާ ނުލިބިފައި 10،000 އާއި 15،000 ދޭތެރޭގެ ޢަދަދަކަށް މީހުން އެބަ ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މި ސެންޓަރު މެދުވެރިކޮށް 15000 މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމެވެ.