ވިޔަފާރި

ދުބާއީގެ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި


ދުބާއީގައި އޮންނަ "އެކްސްޕޯ 2020" ގައި ބައިވެރިވާން ބޭނުންވާ އެސްއެމްއީތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ދުބާއިގައި 20 އޮކްޓޯބަރު 2020 އިން 10 އޭޕްރީލް 2021 އަށް ބާއްވާ "އެކްސްޕޯ 2020"ގައި ސަރުކާރުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ބާއްވާ މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓްކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރިހަމަކުރުމަށްފަހު މެއިލްކުރަންޖެހެއެވެ.

ފޯމް ހުށައަޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަން އޮންނާނީ ފެބްރުއަރީމަހުއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި އެކްސްޕޯ ކުރިއަށްދަނީ ކޮންމެ 5 އަހަރަކުން އެއް އަހަރު، 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

އެކްސްޕޯގައި ބައިވެރިކުރެވޭ ތަކެތީގެ ތެރޭގައި ލިޔެލާޖެހި ތަކެތި، ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ، ކާވިންގސް، ކުނަލާއި ކުނަލުގެ އުފެއްދުންތައް، ކުރެހުމާއި އާޓްގެ އެހެނިހެން ބާވަތްތައް، ސްކަލްޕްޗަރ އަދި މޮނިއުމަންޓްސް، ޕޯސްޓް ކާޑު އަދި ކުރެހުން، ފޮތީގެ އަދި ފެހުމުގެ އުފެއްދުންތައް، އެރޯމާ އަދި ސްޕާގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ޖުވެލަރީ އަދި އެކްސެސަރީޒްގެ އެހެނިހެން އުފެއްދުންތަކާއި، ކާބޯތަކެތީގެ އުފެއްދުންތައް، ފޮތް، ކުޑަކުދިންގެ ކުޅޭ ސާމާނު، ޑެކަރޭޝަންއަށް ބޭނުންވާ ސާމާނު ހިމެނެއެވެ.