ޚަބަރު

ހަތް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ


ހަތް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެއެވެ.

ބުދަދުވަހުގެ އިރުއޮސުނު ވަގުތު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ގިނައިން ލޮނުބޮވުމުގެ ސަބަބުން ހާލު ސީރިއަސް ވެގެންކަމަށް ޑޮކްޓަރުން ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާ ނ.މަނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި މަރުވި މީހާއަކީ މަސައްކަތެއް ކުރުމަށް ނޮކޫ ރިސޯޓަށް ދަތުރުކުރަމުންދިޔަ މީހެއްކަމަށެވެ.

ނޮކޫ މޯލްޑިވްސް އައިލެންޑު ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗު ބަންޑުންޖަހާލާފައި ވަނީ އެ ރިސޯޓުގެ ނެރުމައްޗަށެވެ. ލޯންޗް ބަންޑުން ޖަހާލިއިރު އޭގައި ތިބީ 2 ފަތުރުވެރިންނާއި 4 ފަޅުވެރިންގެ އިތުރުން މި ހާދިސާގައި މަރުވި މީހާއެވެ.

ލޯންޗު ބަންޑުންޖަހާލުމުން ކަނޑުވި މީހުން ޑިންގީއަކަށް ނަގައިގެން ނޮކޫ ރިސޯޓަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވާފައި ވެއެވެ.

މިހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.