ވިޔަފާރި

ސްޕެއިންގެ އެންމެ ބޮޑު ފެއަރ "ފިތޫރު"ގައި ރާއްޖެ އިޝްތިހާރުކުރަނީ


ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރކަމަށްވާ ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

5 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ 24 ކުންފުންޏަކުން 41 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

ސްޕެއިންގެ މެޑްރިޑްގައި ބާއްވާ ފިތޫރު ފެއަރ ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް 71.5 އަކަފޫޓުގެ ސްޓޭންޑެއްވަނީ ބަހައްޓާފައެވެ.

ސްޓޭންޑްގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކާއެކު އެކި ޙަރަކާތްތަށް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ރާއްޖެއާ ބެހޭ މަޢުލޫމާތު ހިމެނޭގޮތަށް ކުއިޒެއް ކުރިއަށް ގެންދިއުމާއެކު އެކި އިނާމްތައް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކާ ބައްދަލުކޮށް، ސްޕެއިން މާކެޓްގެ އިތުރުން އެހެނިހެން މާކެޓްތަކުގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށްޓަކައި މަޝްވަރާ ކުރެވިގެން ދާނެއެވެ.

މިދިޔަ އަހަރު ސްޕެއިނުން ރާއްޖެއަށް ތިރީސް ހަހާސް ފަސްދޮޅަސް ހަތަރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެކެވެ. ސްޕެއިން މާކެޓަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު އޮތް މާކެޓެކެވެ. އެހެންކަމުން 2020 ވަނަ އަހަރު ސްޕެއިން މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް
ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.