ޚަބަރު

30 ހާސް މީސަލްސް ވެކްސިން މާދަމާ ގެންނަނީ


އިންޑިއާ ސަރުކާރުގެ އެހީގައި 30 ހާސް މީސަލްސް ވެކްސިން ޑޯޒް މާދަމާ ގެނައުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިމަބިހި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް އައިރު މި ބަލި ހުރިކަމަށް ޝައްކުކުރެވިގެން 79 މީހަކު ޓެސްޓް ކޮށް 4 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މީސްލްސް ވެކްސިން ޖެހުމަށް ޚާއްސަ އިންތިޒާމުތަކެއް މިހާރު ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ ވަނީ ރާއްޖެއަށް 2 ލައްކަ ވެކްސިން ޑޯޒް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ މި ވެކްސިންގެ ރިކޯޑް ބެލެހެއްޓުމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީން ތަރައްޤީކުރާ ޑޭޓާ ބޭސް މި މަހުގެ ނިޔަލަށް ނިމޭނެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބަލި ފެނުނު ސަރަހައްދުތަކުން ރިންގް ވެކްސިނޭޝަން ތިން ހާސް އެއް ސަތޭކަ ފަރާތަކަށް ދީފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އަދި މީސަލްސް ވެކްސިން ކެމްޕޭންއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރިން ހާމަކުރި ފަދައިން 2 ލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެނެސް ސްޓޮކް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރާ އެކު ކުރި މަސައްކަތުގެ ދަށުން 30 ހާސް ވެކްސިން ޑޯޒް މާދަމާ ގެނައުމަށް ވަނީ ހަމަޖެހިފައި." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހިމަބިހި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން ދާއިރު، 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއްދޭން ވަނީ ފަށާފައެވެ. މިގޮތުން ވެކްސިންގެ އިތުރު ޑޯޒެއް ދޭނީ، އުމުރުން 6 މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިން،ގެ ތެރެއިން އެންމެ ފަހުން މީސްލްސް ވެކްސިން، އެމް.އާރު ނުވަތަ އެމް.އެމް.އާރު ޖެހުމަށް ފަހު 4 ހަފްތާގެ މުއްދަތެއް ފާއިތުވެފައި ނުވާ ތުއްތު ކުދިންނަށެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މި ބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތު މިނިސްޓްރީއިން ކުރިއަށް ގެންގޮސްފައި ވެއެވެ.