ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ - އުމުރު ދުވަހަށް ދެމިގެންދާ ބިރުވެރިކަމެއް


ދެ އަހަރުވެސް ނުވާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާއި އެކު، ރާއްޖޭގައި ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަ އޮތް ނުރައްކާތެރި ޙާލަތު ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. މި މައްސަލަ އާއިއެކު، އާންމުން އަނެއްކާވެސް މިފަދަ މައްސަލަތަކުގެ ވާހަކަދައްކަން ވަނީ ފަށާފައެވެ. އަދި މި ފަދަ ކުށްކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އާއިލާތަކުން ސިއްރު ނުކޮށް އެކަންކަން ރިޕޯޓްކުރުމަށް ގޮވާލަމުން ދާއިރު، ތުއްތު އުމުރުގައި ނުވަތަ ޅަ ދުވަސްވަރު ޖިންސީ ފުރައްސާރަ ފަދަ ނުރައްކާތެރި އަދި "ފަނާކުރަނިވި" އަމަލަކަށް ހުށަހެޅުމުން ކުރާނެ އަސަރަށް ބަލާލަން ޖެހެއެވެ.

ޕީއެސްއެމް ނިއުސް އާއި މައުލޫމާތު ހިއްސާކުރައްވަމުން، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ދާއިރާއިންނާއި، ގްލޯބަލް އިމްޕެކްޓް އެވޯޑް އަދި އިންސާނިއްޔަތަށް މަސައްކަތްކުރުމުގެ ދާއިރާއިން އައުޓްސްޓޭންޑިންގް ޔަންގް ޕާސަންސް އެވޯޑް ހާސިލްކުރައްވާފައިވާ ޑރ. މަރިޔާ އަލީ ވިދާޅުވީ އިންސާނާގެ އުމުރުގެ ފުރަތަމަ 6 އަހަރަކީ ކުއްޖާގެ ސިކުނޑި އެންމެ ފުޅާވާނެ ދުވަސްވަރު ކަމަށެވެ. އެގޮތުން މި ދުވަސްވަރު ކުޑަކުދިން ހުރިހާކަމެއް ސިކުނޑިއަށް ނަގާއިރު، މި ދުވަސްވަރު ހިނގާކަންކަމުން ކުރާ އަސަރުތައް ދާއިމަށް ސިކުނޑީގައި ހަރުލާނެކަން ޑރ. މާރިޔާ ފާހަގަކުރެއްވިއެވެ.

މި އުމުރަކީ ކުއްޖާއަށް ކަންކަމުގައި އަމަލުކުރަންވީގޮތެއް ނޭނގޭ އުމުރެއްކަމުގައި ވާއިރު މި އުމުރުގައި ޖިންސީ ފުރައްސާރަ ފަދަ އަމަލަކަށް ހުށަހެޅުމުން ކުއްޖާއަށް ކުރާ އަސަރުތައް ޑރ. މާރިޔާ ތަފްސީލްކޮށްދެއްވިއެވެ. އެގޮތުން ޓްރޯމާއަކަށް ކުއްޖާ ހުށަހެޅުމުން ކުއްޖާގެ ސިކުނޑީގެ އެކި ބައިބައިގެ މަސައްކަތްކުރުން ހުއްޓޭކަން ޑރ. މާރިޔާ ފާހަގަކުރެއްވިއެވެ.

"ޓްރޯމާއަކަށް ދާ ވަގުތު ބްރެއިންގެ ބައެއް ތަންތަން ޝަޓް ޑައުން ވާން މެދުވެރިވޭ. އެގޮތުން ވާހަކަދައްކުމުގައި ދަތިތައް ދިމާވެ ކުދިންނަށް ވީ ކަމެއް ކިޔައިދިނުމުގައި ދަތިތަށް ކުރިމަތިވޭ. 1 އަހަރާއި 3 އަހަރާއި ދޭތެރޭގައި ބޭނުންކުރާ ބަސްތަށް އެހާ ގިނައެއްވެސް ނޫން އެހެންނޫންތޯ!" ޑރ. މާރިޔާ ވިދާޅުވިއެވެ.

ޑރ. މާރިޔާ ވިދާޅޫވީ ކުއްޖާއަށް މިފަދަ ޓްރޯމާއަކުން ކުރާ އަސަރު ސިކުނޑީގެ ތިން ފަށަލައެއްގައި ހަރުލައި ހުންނަ ކަމަށެވެ. އެގޮތުން އެކަން ހަނދާނުގައި ހަރުލާގޮތުން ކުއްޖާއަށް އުމުރުދުވަހަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އެގަޑީގައި ރޭޕިސްޓްގެ ސެންޓްގެ ވަސް. މަތީގައި އެނބުރި ހުންނަ ފަންކާ ފަދަ އެތައްކަމެއް ކުއްޖާއަށް އުމުރުދުވަހު ހޯންޓްކޮއްފާނެ. އެގޮތުން މިސާލަކަށް ސެންޓްގެ ވަސް އަނެއްކާ ޖެހުމުން ކުއްޖާގެ ހިތް އަވަސްވެ ވާނުވާ ނޭނގޭނެ. ބައެއް ކުދިން ހަށިގަނޑުން ޑިސް އެސޯސިއޭޓްވެސް ވާނެ. މިއީ އަސްލުގައި ވަރަށް އުނދަގޫ ސްޓޭޖެއް." ޑރ. މާރިޔާ ވިދާޅުވިއެވެ.

ޔުނިސެފްގެ އިންޓަނޭޝަނަލް ކޮންސަލްޓެންޓްކަންވެސް ފުރުއްވަމުންގެންދަވާ ޑރ. މާރިޔާ ވަނީ ކުއްޖާ ކުރާ ޝަކުވާތަކަށް ސަމާލުވުމަށް ބެލެނިވެރިންނަށާއި މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. އެގޮތުން ކުޑަކުދިން ދޭ ސިގްނަލްތައް ދެނެގަނެ ކުއްޖާގެ ގާތުން ކަންކަން އޮޅުން ފިލުވުން މުހިންމުކަން ޑރ. މާރިޔާ ފާހަގަކުރެއްވިއެވެ. ޑރ. މާރިޔާ ވަނީ ކުޑަކުއްޖަކު މާގިނައިން ބަނޑު ގައި ރިއްސާ، ބޮލުގައި ރިއްސުމުގެ ޝަކުވާ ކުރާނަމަ އެކަމަށް ސަމާލުވެ އަވަސް ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ކުޑަކުދިންގެ ބަސް މަދުވުމުންވެސް އެކުދިންނަށް ސަމާލުވާންޖެހޭ. އަދި ހަމަ މިއާއިއެކު އެކުދިންގެ ދޭ ސިގްނަލް ދެނެގަންނަން ޖެހޭ. ކުޑަކުއްޖަކު މާގިނައިން ބަނޑު ގައި ރިއްސާ، ބޮލުގައި ރިއްސުމުގެ ޝަކުވާ ކުރާނަމަ އެކަމަށް އެޓެންޑް ވުން މުހިންމު." ޑރ. މާރިޔާ ވިދާޅުވިއެވެ.

ޑރ. މާރިޔާ ވަނީ، މިފަދަ ކަންކަމުގައި ދެވޭ ފަރުވާ ކޮންމެ ކުއްޖަކަށްވެސް ތަފަތު ވާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުއްޖާއަށް އުފާވެރިކަން ގެނުވާ ކަންކަމުގެ ތެރޭގައި ގެންގުޅުމާއި ކުއްޖާއަށް ސަމާލުކަން ދިނުން މުހިންމުކަން ޑރ. މަރިޔާ ފާހަގަކުރެއްވިއެވެ.

"ތެރަޕީއަކީ ކޮންމެ ކުއްޖަކަށް ފަރުވާއަކަށް ނުވާނެ. ކޮންމެ ކުއްޖަކަށް ފަރުވާ ތަފާތު ވާނެ. ކުދިންކަންކަނަމަށް އެޑިކްޓްވުން މިކަހަލަ ހާލަތުގައި ފަސޭހަ ވާނެ. އެޑިކްޝަންއަކީ ހަމައެކަނި ޑްރަގް އެޑިކްޝަންއެއް ނޫން. ޝޮޕިން އެޑިްކްޝަން ފެންވެރުމާއި ތާހިރުވުމުގެ އެޑިކްޝަން މިއީވެސް ވެދާނެ ކަންކަން. މިކަންކަމަށް ދީއްލައިލައިގެން ދިޔަ ދީގެން ނުވާނެ." ޑރ. މާރިޔާ ވިދާޅުވިއެވެ.

ޑރ. މާރިޔާ ފާހަގަކުރެއްވި ފަދައިން މި ފަދަ ކުދިންނާ މުއާމަލާތު ކުރުމުގައި ސަމާލުވާން ޖެހޭ އިރު، އެ ފަދަ ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމައްޓަކައި މުޅި މުޖތަމަޢުގެ ދައުރު ބޮޑެވެ. އަޅުގަނޑުމެން މި ފަދަ ކުދިންގެ ހައްޤުގައި ވަކާލާތުކުރުަމުންދާއިރު، މިކުދިންނަށް އެކަށޭނަ ސިއްޙީ ދުޅަހެޔޮކަމެއް ހޯދުމައްޓަކައިވެސް ވަކާލާތުކުރުން ވަރަށް މުހިންމެވެ.