ޚަބަރު

ރާއްޖެއަށް އަންނަ މީހުން ކޮރޯނާ ވައިރަހަށް ޓެސްޓްކުރަނީ


ރާއްޖޭގެ ވައިގެ ބަނދަރުތަކާއި، ކަނޑު ބަނދަރުތަކުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހިމަބިއްސާއި، ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުންދާތީ މި ބަލި ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތާމަލް ކެމެރާއެއް ބަހައްޓައިގެން ކޮރޯނާ ވައިރަހަށް ސްކްރީންކުރުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، ރާއްޖޭގެ ހުރިހާ ޕޯޓްތައް ހިމެނޭހެން ޖުމްލަ 6 ތާމަލް ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މި ވައިރަހަށް ޕޮޒިޓިވްވާ ފަރާތްތައް ބެލެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަގުތީ އައިސޮލޭޝަން ސެންޓަރެއް ޤާއިމުކުރާއިރު، މި ބައްޔަށް ޚާއްސަ ދާއިމީ އައިސޮލޭޝަން ފެސިލިޓީއެއް މާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވި.

"އަޅުގަނޑުމެން ހެލްތު ކޯޑިނޭޓިން ކޮމިޓީއާއި ޓާސްކް ފޯސްއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. މީޑިއާއިން ސައްޙަ މަޢުލޫމާތު ހިއްސާކުރުންވެސް މުހިންމު. އަޅުގަނޑުމެން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށް މަޢުލޫމާތުދޭނަން. އަޅުގަނޑުމެން ސާމްޕްލިންގްއަށް ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަރްވިންދް މާތުރު ވަނީ މި ބަލީގެ ކަންކަން ވިލަރެސްކުރުމަށް އިމަޖެންސީ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަރްވިންދް މާތުރް ވަނީ މި ވައިރަސްގެ މަޢުލޫމާތު ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ގިނަ ބަސްބަހުން މަޢުލޫމާތު ބެހުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ގައިޑްލައިންތައް އެކުލަވާލާ މި ބަލީގެ ކަންކަން ވިލަރެސްކުރުމަށް އިމަޖެންސީ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި. މިބައްދަލުވުމުން މި ބަލީގެ ހަޤީޤީ ޙާލަތު ސާފުވެގެންދާނީ." އަރްވިންދް މާތުރް ވިދާޅުވިއެވެ.

ޗައިނާގެ 200 އަށް ވުރެ ގިނަ ސިޓީތަކުގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރިފައިވާކަމުގެ މައުލޫމާތު ލިބެމުންދާއިރު ރާއްޖެއިން ޗައިނާގެ ބައެއް ސިޓީތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. ޗައިނާގެ ވުއާން ޕްރޮވިންސުން ފެނިފައިވާ މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަސްއެއްކަމަށް މިހާރުވަނީ ޢިއުލާންކޮށްފައެވެ. އެހެންކަމުން ބަލިޖެހިފައި ހުރިމީހަކު ނޭވާލާ ނުވަތަ ކެއްސާ ކިނބިހިއެޅުމުގެ ސަބަބުން އެހެންމީހުންނަށް ބަލިޖެހޭނެއެވެ. މިބަލިން ރައްކާތެރިވުމަށް ބަލިމީހުން ކައިރިއަށް ނުދިޔުމަށާއި ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އެޅުމުގައި އަނގަމަތި ބަންދުކުރުން ހިމެނެއެވެ. މި ވައިރަސް ފެނިފައިވަނީ ދޫނިސޫފާސޫފި އަދި ޖަނަވާރާއި ސީފުޑް ވިއްކާ ބާޒާރުތަކުންކަމަށްވުމުން އެފަދަ ތަންތަނަށް މިދުވަސްވަރު ނުދިޔުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.