ޚަބަރު

އިންޑިއާއަށް އެތެރެ ނުވެވުނު ދިވެހިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފަށައިފިން - ސަފީރު


ބައެއް ދިވެހިން އިންޑިއާއަށް ދިއުމުން އެޤައުމަށް އެތެރެނުވެފައިހުރި މައްސަލަތައް ހައްލު ކުރުމަށް އިންޑިއާ ސަރުކާރާއެކު މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލިވެވަޑައިގެން އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއެކު ހީނަރުކަން އައިސްފައިއޮތް ދެޤައުމުގެ ޒަމާންވީ ގުޅުން އަނެއްކާވެސް ބޮޑުތަނުން ރަނގަޅުވެފައިވާކަމަށެވެ.

އެކަމަނާ ސަފީރުކަމާއި ހަވާލުވިއިރު އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ޝަކުވާތަކެއް ހުރިނަމަވެސް ދިވެހިން ޢާންމުކޮށް ދަތުރުކުރާ އިންޑިއާގެ ސަރަހައްދުތަކުގައި ދިވެހިންނަށް ކުރިމަތިވާ ގިނަ މައްސަލަތައް މިހާރު ހައްލުކޮށްދެވިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން އާންމުކޮށް ދިމާވާ ވިސާގެ މައްސަލަތަކަށް ހައްލުގެނެސް އެދާއިރާއިން މިހާރު ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އިތުރަށް ހުރި ކަންކަން ހައްލުކުރުމަށް އިންޑިއާގެ ކަމާގުޅުހުން ހުރި އިދާރާތަކާއި ގުޅިގެން މިހާރުވެސް
މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސަފީރު ވިދާޅުވިއެވެ.

އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރާ ބައެއް ދިވެހިން އެޤައުމަށް ނާރުވާ ފޮނުވާލުމާއި ބައެއް ސަބަބުތަކާހެދި ޑީޕޯޓްކޮއްލުމުގެ މައްސަލަތަކެއްވަނީ މީގެ އަހަރުތަކެއްކުރިންވެސް ފެންމަތިވެފައެވެ. އެގޮތުން އެންމެ ފަހުން މިފަދަކަމެއް ފެންމަތިވެފައިވަނީ 2018 ވަނަ އަހަރުގެ ޖޫންމަހުގެތެރޭގައި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިޙާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަނުދީ ފޮނުވާލި ހިސާބުންނެވެ. އޭރު އިންޑިއާއާއި ރާއްޖޭގެ ގުޅުންއޮތީ ކޮންމެވެސްވަރަކަށް ހީނަރުވެފައެވެ. މީގެިއިތުރުންވެސް ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެރެރެވުމާއި އެޤައުމުގެ ގާނޫނުތަކާ ޚިލާފު ކަމެއް ކޮށްފިނަމަވެސް އެގައުން ޑީޕޯޓްކޮށްލައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އިންޑިއާއަށް ދިއުމުން އެޤައުމަށް އެތެރެވިޔަ ނުދިނުމާއި ޑީޕޯޓްކޮއްލާފައިވާ މީހުންގެ އަދަދު ސާޅީހަށް އަރައެވެ. މީގެ ތެރޭގައި ވަރަށް ކުރީގެ ކޭސްތަކެއްވެސް ހިމެނޭއިރު، އެހުރިހާ މައްސަލައެއްވެސް ހައްލުކުރުމަށް މަސައްކަތްކުރެވެމުންދާކަމަށާއި، އެކަމަށް ވަގުތު ހޭދަވާނެކަމަށް ސަފީރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

"ވަރަށް މަދު އެހެންނަމަވެސް ކުރީއްސުރެ ދިމާވާ މައްސަލައެއް، ދިވެހިންގެ ބައެއް ބޭފުޅުން މިކޮޅަށް ވަޑައިގަތީމަ އެތެރނުވެފައި ހުރި މައްސަލަތައް. އެމައްސަލަތައްވެސް މިނިސްޓްރީން ހަމަ ކޮންމެ މައްސަލައެއް ވަކިވަކިން ބައްލަވާފައި، އޭގެ ތާރީޚާއި ހިނގާފައި އޮތް ގޮތްބައްލަވައިގެން އިންޑިއާސަރުކާރާއެކު މަސައްކަތްކުރަމުން މިދަނީ އެއިން ކޮންމެ މައްސަލައެއްހައްލުކުރެވޭތޯ" ސަފީރު ވިދާޅުވިއެއވެ.

ވޭތުވެދިޔަ 2019 ވަނަ އަހަރު އިންޑިއާ ރާއްޖެއާއާ ދެމެދު މަސައްކަތް ކުރުމުގެ އިތުބާރު އުފައްދައި ގުޅިގެން މަސައްކަތްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ފިލުވާލުމަށް 19 އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަމަށާއި، އެކަމަނާ ސަފީރުކަމާއި ހަވާލުވިއިރު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިހުރި މައްސަލަތައް މިއަދު ވަރަށް ބޮޑުތަން މަދުކުރެވިފައިވާކަމަށް ޢާއިޝަތު މުޙައްމަދު ދިދީ ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާއިން އެކި ދާއިރާތަކުން ދިވެހިންނަށްދޭ ތަމްރީނުތައް ބޮޑުވަޒީރު ނަރޭންދުރަ މޯދީ އިތުރުކުރައްވާފައިވާކަމަށާއި މިހާރުވެސް ތައުލީމީ، ސިއްޚީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ތަމްރީނުތައް ދިވެހިން އިންޑިއާގައި ފުރިހަމަކުރަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާރާއްޖޭގެ ގުޅުން ރަނގަޅުވެފައިވާއިރު، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު ހަ މަޝްރޫޢެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.